ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ހދ. އަތޮޅު ފައިނަލަށް ނޭކުރެންދުއާއި އެންމެފަހުން ހަ ފަހަރުވެސް އަތޮޅު ތަށި ނެގި ނައިވާދޫ ދަތުރުކޮށްފިއެވެ.

މީގެ ކުރިންވެސް ނޭކުރެންދޫއާއި ނައިވާދޫގެ ކުރިމަތިލުންތަކެއް އަތޮޅު ފައިނަލުގައި ފެނިފައިވާ އިރު، އެ އަތޮޅުގެ އެންމެ ވަރުގަދަ ޓީމު ގޮތުގައި ތަށި ނަގަމުން އަންނަނީ ނައިވާދުއެވެ.

ރޭ ކުޅުނު ހދ. އަތޮޅުގެ ފުރަތަމަ ފައިނަލުގައި ނޭކުރެންދޫން ކުމުންދޫ ބަލިކުރީ 2-1 އިންނެވެ.

އެމެޗުގައި ނޭކުރެންދޫގެ އަލީ އިފާޒް ގޯލު ޖަހައި ފުރަތަމަ ލީޑު ނެގި ނަމަވެސް ކުމުންދޫގެ އަހުމަދު ޝަރީފް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ކުރީކޮޅުގައި ކުރެންދޫއަށް ލިބުނު ޕެނަލްޓީއެއްގެ އިތުރުން ފަހު ސިކުންތުގައި ލިބުނު ދުރު ޕެނަލްޓީއެއްވެސް އެޓީމަށް ނާކާމިޔާބުވެފައިވާ އިރު، ނޭކުރެންދޫ މޮޅުވި ގޯލު ޖެހީ މުހައްމަދު ވިލްފެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޭކުރެންދޫގެ ގޯލްކީޕަރު މުހައްމަދު ސިޔާޒެވެ.

ނައިވާދޫން ފައިނަލް ޔަގީންކުރީ 6-0 އިން މަކުނުދޫ ބަލިކޮށްގެންނެވެ. މި މެޗުގައި މުހައްމަދު ޝާއިން ހެޓްރިކް ފުރިހަމަކުރި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު އަސްލަމާއި ޔާމިން މުހައްމަދު އަދި އަހުމަދު ހަމީދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ކ. މާފުށި - ކ. ގުރައިދޫ (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: ކ. ކާށިދޫ - ކ. ގާފަރު (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ގދ. ގައްދޫ - ގދ. ވާދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)

22:30

ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ސ. ފޭދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)