ސްރީ ލަންކާގެ ނެގަމްބޯގައި ކުރިއަށްދިޔަ ކާވާ ބީޗްވޮލީ މުބާރާތުގައި ރާއްޖެއިން ވާދަކުރި ހަތަރު ޕެއާވެސް ކުއާޓާ ފައިނަލާ ހަމައިން ކަޓައިފިއެވެ.

މިމަހުގެ 24 އިން 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެއިން އަންހެން ދެ ޕެއާ އަދި ފިރިހެން ދެ ޕެއާ ވާދަކޮށްފައިވެއެވެ. ފިރިހެން ދެ ޕެއާއަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާގެ އިތުރުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ދެ ޕެއާ އަކީ އަންހެން އެއް ނަމްބަރު ޕެއާ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އާއި އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާގެ ޕެއާއެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ކަޒަކިސްތާނާއި ކިރިގިސްތާންގެ އިތުރުން ބޫޓާނާއި ސްރީ ލަންކާގެ ޕެއާތައްވެސް ވާދަކޮށްފައިވެއެވެ.

ކުޑަކާއްޓޭއާއި އެޑަމްގެ ޕެއާއިން މީގެ ކުރިން ދެ އަހަރުވެސް ކާވާ ބީޗްވޮލީ މުބާރާތުން ރަން މެޑަލް ހޯދާފައިވާ އިރު، ޕޫލް އޭގައި މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާގެ ޑިލީޕާއި މަލިތުގެ ޕެއާ ކައިރިން ބަލިވީ 2-1 ސެޓުންނެވެ. އޭގެފަހުން ކަޒަކިސްތާނުގެ ގުރިންއާއި މޮހައްމަދުގެ ޕެއާ ކައިރިންވެސް 2-1 ސެޓުން އެޑަމްއާއި ކުޑަކާއްޓޭ ބަލިވެފައިވާ އިރު، އިރާނުގެ ގަލޭނޯވީ އާއި އަބޮލް ހަސަން ކައިރިންވެސް ކުޑަކާއްޓެއާއި އެޑަމް ވަނީ ބަލިވެފައެވެ. އެއީ ސީދާ ދެ ސެޓުންނެވެ.

ކުއާޓާގައި ލަންކާގެ އަންޖާނާއާއި ސަންދުން ކައިރިން ކުޅުނު މެޗުންވެސް ކުޑަކާއްޓޭއާއި އެޑަމް ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. އެއީ 21-19 އަދި 21-19 އިން ސެޓުތައް ގެއްލިގެންނެވެ.

ޕޫލް ދޭއްގައި ވާދަކުރި ކޯކޭއާއި ޑެންޒޯގެ ޕެއާއިން ލީގު ބުރުގައި ލަންކާގެ ނަލިންނާއި މަޑުޝާއާ ދެކޮޅަށް ކުޅެ ސީދާ ދެ ސެޓުން ބަލިވެފައިވާ އިރު، އެ ޕެއާއިން ލަންކާގެ އަންޖާނާއާއި ސަދުން ކައިރިންވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ. އެ ޕެއާއިން ބޫޓާންގެ ޖުރްމީއާއި ޑޯޖީގެ ޕެއާ ކައިރިން 2-0 އިން މެޗު ކާމިޔާބު ކުރި އިރު، އެ މެޗުގެ ސެޓުތައް ދިޔައީ 21-04 އަދި 21-12 އިންނެވެ.

ޑެންޒޯއާއި ކޯކޭގެ ޕެއާ ކުއާޓާގައި ވާދަކުރީ ލަންކާގެ ޑިލީޕާއި މަލިތުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ސީދާ ދެ ސެޓުން ގެންދިޔައީ ލަންކާގެ ޕެއާއެވެ.

އަންހެން ޕެއާތަކުގެ ނަތީޖާއަށް ބަލާ އިރު، ލީގު ބުރުގައި ހައްވައާއި މާޖިދާގެ ޕެއާ ވަނީ ބޫޓާންގެ ޒަންގްމޯ އާއި ލޭކީއާގެ ޕެއާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-16، 21-08 އިންނެވެ. ދެން މާޖިދާއާއި ހައްވަގެ ޕެއާ ވާދަކުރި މެޗުގައި ލަންކާގެ ޝެހާނީއާއި ޗަތުރިކާގެ ޕެއާ ކައިރިން 2-0 އިން ބަލިވި އިރު، އެގައުމުގެ ކަސޫނީއާއި ވަސާނާގެ ޕެއާ ކައިރިންވެސް ހައްވައާއި މާޖިދާގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.

ޒީނިއާއާއި އަރީޝާގެ ޕެއާއިން ލަންކާގެ ޑީޕިކާއާއި ކަސޫނީގެ ޕެއާ ކައިރިން 2-0 ސެޓުން ބަލިވި އިރު، ކިރިގިސްތާނުގެ ރަސުލްބެކް ކީޒީއާއި އައިޓްބެކޯވާގެ ޕެއާ ކައިރިން ބަލިވީ 2-1 ސެޓުންނެވެ.