އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގދ. ތިނަދޫ ކައުންސިލުގެ އިދާރާއިން ވައްކަން ކުރި ކަމަށް ބުނެ ކުރި ތުހުމަތުތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ މިއަދު "ވަން" އަށް ވިދާޅުވީ އެ ކައުންސިލުން މިއަދު ވައްކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ކުރެވެނީ އޭސީސީގެ ނަމުގައި އެކަންސިލަށް އައި ބަޔަކު ކަމަށެވެ.
އެ ކަމާ ގުޅިގެން މިއަދު ތިނަދޫ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"ވައްކަން ކޮށްގެން ފައިލްތަކާއި އެބޭފުޅުން އަތުޖެހުނު އެއްޗެއް ގެންގޮސްގެން. މިވަގުތު ފުލުހުން ކައުންސިލު ތެރޭ އެބަ ހަރަކާތްތެރިވޭ. ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިޔަށް ގެންދަނީ. މިވަގުތު ބައެއް ހިދުމަތްތައް މެދުކެނޑިފައިވާނީ. މުވައްޒަފުންނަށްވެސް ވައްކަމުގެ ސީނެއްތެރޭ މަސައްކަތެއް ނުކުރެވޭނެ ނޫންތޯ،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޕޮލިސް މީޑިއާއިން މިއަދު ބުނީ، ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނުން މިއަދު "ވަން" އަށް ބުނީ އެ ސްޓޭޝަނަށް ތިނަދޫ ކައުންސިލުން ބޮކްސް ފައިލްތަކެއް ވަގަށް ގެންދިޔަ ކަމުގެ މައްސަލަ ހުށަހެޅީ މިއަދު 7:55 ގައި ކަމަށެވެ. ނަމަވެސް އެއީ ކިތައް ފައިލް ކަމެއް ސާފު ނުވާ ކަމަށް ބުންޏެވެ.
އެކަން ގޮދުކޮށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންގެންދާ މައްސަލައަކާ ގުޅިގެން އިއްޔެ އެ ކޮމިޝަނުގެ ޓީމަކުން ތިނަދޫ ސިޓީި ކައުންސިލުގައި ހަރަކާތްތެރިވި ކަމަށެވެ.
އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް ތިނަދޫ ކައުންސިލުން އެކަމަށް ފުރިހަމަ އެއްބާރުލުން ދީފައި ނުވާ ކަމަށް ވެސް ބުންޏެވެ.
"އެހެންނަމަވެސް ގާނޫނު އަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން، އެކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، މި ކޮމިޝަނުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައި ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ތިނަދޫ ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި މި ކޮމިޝަނާ ގުޅޭ ގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު މައުލޫމާތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމާއި އަދި އެކަމާމެދި މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކުރަމެވެ،" އޭސީސީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ތިނަދޫ ކައުންސިލްގެ އިދާރާއަށް ވަދެފައިވަނީ ސައުދަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު