ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ވެލެންސިއާ ކައިރިން 7-1 އިން މޮޅުވެއްޖެއެވެ.

ބާސާ އަމިއްލަ ދަނޑުގައި ރޭ ހޯދި މޮޅާއެކު އެޓީމަށް ވަނީ ލީގު ރޭހުގައި އުންމީދެއް ލިބިފައެވެ. 21 މެޗުން 42 ޕޮއިންޓާ އެކު ބާސާ މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތް އިރު، އެޓީމުގެ ކުރިން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ 21 މެޗުން 45 ޕޮއިންޓާއެކުގައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސާއިން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އެގޮތުން ތިންވަނަ މިނެޓުގައި ފްރެންކީ ޑި ޔޯންގް ޖެހި ގޯލުން ބާސާ ލީޑު ނެގި އިރު، އޭގެ ދެމިނެޓް ފަހުން ފެރާން ޓޮރެސްގެ ގޯލުން ބާސާ ލީޑު ފުޅާވެސް ކުރިއެވެ.

ސާދަ މިނެޓުގެ ތެރޭގައި ބާސާއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ރަފީނިއާއެވެ. އޭނާއަށް ދުއްވާލި ތުރޫ ބޯޅައިގައި ގޮސް، ބޯޅަ ގޯލަށް ނިންމާލީ ފަސޭހަ ކޮށެވެ.

ދެން ފުރަތަމަ ހާފުގައި ބާސާގެ ގޯލުތައް ޖެހީ ފާމިން ލޮޕޭޒްއެވެ. މިދިޔަ އަހަރު މޭ މަހަށްފަހު ކުޅުނު ފުރަތަމަ މެޗުގައި އޭނާ ދެ ގޯލު ޖެހި އިރު، ފުރަތަމަ ގޯލަކީ ރީތި ކޮންޓްރޯލަކަށްފަހު ކާމިޔާބުކުރި ގޯލެކެވެ. އަނެއް ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ރަފީނިއާ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން، ރީބައުންސްގައެވެ.

ދެވަނަ ހާފުގައި ރޮބާޓް ލެވަންޑޯސްކީ ގޯލު ޖަހައި ލީގުގައި 17 ގޯލު ހަމަކުރި އިރު، ބާސާގެ އަނެއް ގޯލަކީ ސެޒާ ޓަރޭގާ އަތުން ބައިކޮޅަށް ވަން ގޯލެެކެވެ. ވެލެންސިއާގެ ގޯލު މެޗުގައި ޖެހީ ހޫގޯ ޑޫރޯއެވެ.