އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑުން ފުލްހަމް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ލީގުގައި އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުހޯދި، އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ.

އާ ކޯޗު ރުބެން އަމޯރިމް ކޯޗުކަމާ ހަވާލުވިފަހުން މިހާތަނަށް ޖެހިޖެހިގެން ދެ މެޗުން ވެސް މޮޅެއް ހޯދިފައި ނުވާ އިރު، ރޭ ހޯދި މޮޅާއެކު އެކަން ވަނީ ހާސިލުވެފައެވެ. އެއީ ރޭގެ ކުރިން ޔޫރޮޕާ ލީގުގައި ކުޅުނު މެޗުން ޔުނައިޓެޑަށް މޮޅެއް ހޯދިފައި އޮތުމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ބޮޑު ބައެއްގައި ދިޔައީ އެކަހަލަ ގޮތަކަށެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ޔުނައިޓެޑުން ހަމައެކަނި ގޯލު ޖެހީ 78 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ލިސާންޑްރޯ މާޓިނޭޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.

މާޓިނޭޒް ދުރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ސާސާ ލުކިޗް ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ފުލްހަމް ކީޕަރު ބާންޑް ލެނޯ ބޯ މަތިން ގޮސް، އޮއްސިގެންނެވެ.

މޮޅެއް ހޯދުނަސް ޔުނައިޓެޑް އަދިވެސް އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. އެއީ 23 މެޗުން 29 ޕޮއިންޓާއެކުގައެވެ. ރޭ ބަލިވި ފުލްހަމް ޔުނައިޓެޑްގެ ކުރިން 10 ވަނައިގައި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 23 މެޗުން 33 ޕޮއިންޓެވެ.