އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އޭސީސީން ހިނގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކެއްކަން ޕީޖީއަށް ފާހަގަކުރެއްވުނު ކަމަށެވެ. އަދި އޭސީސީން ހިންގަމުންދާ ތަހުގީގުތައް ލަސްވުމުގެ ސަބަބުން ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ވެސް ޕްރޮސިކިއުޓާ ޖެނެރަލުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފިއެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

އެ އަމުރުގައި އޭސީސީން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މައްސަލަ އާއި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުން ހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުން ހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، އިރުޝާދާ އެއްގޮތަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ވެސް އިރުޝާދު ދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދަކީ އޭސީސީން ތަހުގީގު ކުރަމުންދާ ހުރިހާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭނެ އިރުޝާދެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އިރުޝާދުގެ ބޭނުމަކީ، އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމެޓިކް ގޮތްތަކެއް ކަނޑައެޅުމާއި ޖިނާއީ މައްސަލަތައް ބަލައި އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމުގެ އިތުރުން ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން ޕީޖީގެ ލަފާ ހޯދުން އިތުރަށް ފަސޭހަ ކުރުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.