ތަންކޮޅެއް ދުރު ހަނދާނެކެވެ. 2016 ވަނަ އަހަރު ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މިލަންދޫއެވެ. ފުޓުބޯޅައިގެ ވަރުގަދަ އަތޮޅެއްގެ ތަށި އުފުލާލައި، އެފަހަރު މިލަންދޫން ހުއްޓާލީކީވެސް ނޫނެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލާ ހަމައަށް ގޮސް، ރާއްޖޭގެ އެންމެ މަތީ ފަންތިއަށް ޕްރޮމޯޝަންވެސް ހޯދިއެވެ. މިލަންދޫ ވަނީ ދިވެހި ޕްރިމިއާ ލީގުގައިވެސް ކުޅެ، ތާރީހު ލިޔެލައިފައެވެ.

އެފަހަރު އަތޮޅު ރަން މެޑެއްޔާއެކު މިލަންދޫ ހެއްވާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ކޯޗު، އަހްމަދު ނިޔާޒް (ޓެޑް) އެވެ. ޓީމެއް ބިނާކޮށް، ގިނަ ދުވަސްތަކެއް ވަންދެން އެރަށުގައި ފުޓުބޯޅައިގެ ޖީލަކަށް ފުރުސަތު ފަހިކުރިއެވެ.

ކުރިން ނިއު ރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރި ޓެޑަށް މިލަންދޫއަކީ އުފަން ރަށް ނޫންނަމަވެސް، އެ ކާމިޔާބީތަކާ ހިސާބުން އެރަށުން އޭނާއަށް ހާއްސަ ލޯތްބެއް ދިނެވެ. އެރަށް މިހާރުވެސް ކުޅިވަރުގައި ހާއްސައެވެ.

އެ ހާއްސަކަން އިތުރަށް ބޮޑުވީ، އިއްޔެ ގޯލްޑަން ފުޓްސަލް ޗެލްންޖްގެ ށ. އަތޮޅު ފައިނަލުގައި މިލަންދޫން ކަނޑިތީމު ބަލިކުރި ހިސާބުންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ފައިނަލުގައި މުޅިން އަލަށް މިލަންދޫން ވާދަކޮށް، ތަށި ނެގީ ޓެޑްގެ މޭސްތެރިކަމުގެ ދަށުންނެވެ. އެ ކާމިޔާބީ ވެގެން ދިޔައީ ޓެޑާއި މިލަންދޫއަށްވެސް އުފަލުގެ ކަރުނަ ގެނުވި ކާމިޔާބީއަކަށެވެ. އެތައް ބުރަ މަސައްކަތުގެ ނަތީޖާއަކަށެވެ.

"ފުރަތަމަވެސް ހެއްދެވި ފަރާތަށް ޝުކުރު އަދާކުރަން. ނިއު ރޭޑިއަންޓާއެކުގައި ނޫނަސް، މިއީ އަޅުގަނޑުގެ ފުޓުބޯޅަ ހަޔާތުގައި ވަރަށް ބޮޑު ދުވަހެއް. މިލަންދޫއަކީ އަޅުގަނޑާ ވަރަށް ބޮޑު ގުޅުމެއް އޮތް ރަށެއް. އެއްބަނޑު އެއްބަފާ ބައެއް ކަހަލަ ރައްޔިތުންތަކެއް، އުފަން ރަށަށްވުރެވެސް އެރަށުގެ ރައްޔިތުން އަޅުގަނޑަށް ދޭ އިހުތިރާމު ބޮޑުވާނެ،" ކަނޑިތީމާ ދެކޮޅަށް ކުޅެ، ޕެނަލްޓީގައި މޮޅުވި މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އިއްޔެގެ ފައިނަލުގެ ކުރިންވެސް ތަށި ނަގައި، ރަން މެޑަލް ހޯދާ ވާހަކަ ދެއްކި އިރު، ޓެޑްގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ދިން އިންޓަވިއުއެއްގައި ފާހަގަކުރިއެވެ. އެއީ މިލަންދޫއާއި ޓެޑަށް އަތޮޅު ތަށި ހާއްސަވި މިންވަރެވެ.

"ފުޓުބޯޅައިގައިވެސް މީގެ ކުރިން އެރަށުން ހޯދި ރަން މެޑެއްޔެއްގައި ހިއްސާ ވެވުނު. އެއާއެކު ފުޓްސަލްގައި ރަން މެޑަލް ރަށަށް ގެންދަން މި މަސައްކަތުގައި ހުރެވުނީތީ ވަރަށް ބޮޑަށް އުފާވޭ. ކުޅުންތެރިންނާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ،" ޓެޑް ބުންޏެވެ.

ޓެޑްގެ ނަޒަރުގައި މިލަންދުއަކީ ކުޅިވަރުގެ ނަމޫނާއެކެވެ. އިޖުތިމާއީ ރޫހުގެ ތަފާތު ރަށެކެވެ. އަތޮޅު ތަށްޓާއެކު މުޅި ރަށް އުފާފާޅުކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ކުޅިވަރުގައި މިލަންދޫއަކީ ނަމޫނާ ރަށެއް. ކުޅިވަރަށް މަރުދޭ ރަށެއް. އިޖުތިމާއީ ކޮންމެ ކަމެއްގައިވެސް ރަށު ލޯބީގައި މަސައްކަތް ކުރާ ބައެއް. މިއަދު މި ކާމިޔާބީގައި އުފާކޮށް، ބައިވެރިނުވާ ކުޑަ ބޮޑު، އެކަކުވެސް ނޫޅޭނެ. އެހެންވީމަ މިއީ ރަށު ރައްޔިތުންނަށް ބޮޑު ހަދިޔާއެއް،" ހަޅޭކާއެކު އަޑުވެސް ކުޑަކޮށް ގޮސްފައި ހުރި ޓެޑް ބުންޏެވެ.

ޕްރެޝަރު ފެނިގެން ދިޔަ އިއްޔެ ފައިނަލް މެޗު ޕެނަލްޓީއަށް ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީއަށް ގޮސް، މިލަންދޫން ކަނޑިތީމު ބަލިކުރީ 4-2 އިންނެވެ. ޕެނަލްޓީގައި ކަނޑިތީމުން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

އާދަމް ތައުފީގު ޖެހި ޕެނަލްޓީ ބޭރަށް ގޮސްފައިވާ އިރު، ދެން އަހުމަދު ރިޒާނާއި މުހައްމަދު ޝާން ޖެހި ޕެނަލްޓީ މަތަކުރީ މިލަންދޫގެ ކީޕަރު އަހުމަދު ހުޝާމެވެ.

މިލަންދޫގެ ފުރަތަމަ ދެ ޕެނަލްޓީ ޝާނީއާއި އިސްމާއީލް ފަތުހީ ކާމިޔާބުކުރި އިރު، އެޓީމަށް ނާކާމިޔާބުވީ އަލީ އީނާސް ޖެހި ޕެނަލްޓީއެވެ. އަނެއްކޮޅުން ކަނޑިތީމުގެ އިސްމާއިލް ނިހާން ޖެހި ޕެނަލްޓީ ކާމިޔާބުކުރި އިރު، މިލަންދޫން މެޗު ކާމިޔާބުކުރީ އިބްރާހީމް ޒާހީ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

މެޗު ނިމުމާއެކު، މެޗުގެ މޮޅު ކުޅުންތެރިޔާ، ކީޕަރު ހުޝާމް ދަނޑު މައްޗަށް ވެއްޓި ރޯން ފެށި ގޮތަށް، އޭނާއަށް ހުއްޓާވެސް ނުލެވުނެވެ. އެހެން ކުޅުންތެރިން ނަގައިގަނެގެން އުޅުނުއިރުވެސް އޭނާއަށް ދިޔައީ ޖަޒުބާތުގައި ރޮވެމުންނެވެ.

"ބުނެދޭންވެސް ނޭނގެ. ކިޔައިދޭންވެސް ނޭނގެ،" އުފަލުން ރޮމުން ހުރެ ކީޕަރު ހުޝާމް ބުންޏެވެ. އޭނާއަށް މެޗާ ގުޅޭ އިތުރު ވާހަކައެއް ނުވެސް ދެއްކުނެވެ. އެއީ މިލަންދުއަށް ތަށި ހާއްސަވި މިންވަރެވެ. އެއީ ހަގީގަތުގައި ގޯލްޑަންގެ އަތޮޅު ތަށިތަކުގެ ހުރި އަސަރާއި ފޯރިއެވެ.