ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅު ފައިނަލަށް އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން މުލަކާއި 2023 ވަނަ އަހަރު އަތޮޅު ޗެމްޕިއަން ދިއްގަރުން ދަތުރު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ މ. އަތޮޅު ސެމީ ދެމެޗުވެސް ކުޅެފައެވެ.

ސެމީ ފުރަތަމަ މެޗުގައި ދިއްގަރުން މުއްޔާ ދެކޮޅަށް ނުކުމެ މޮޅުވީ 4-1 އިންނެވެ. ދިއްގަރުގެ މުހައްމަދު އަލީ ދެ ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާކު މަގާމު ހޯދި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ސާގިބާއި ހުސައިން ފާރިޝްއެވެ. މުއްޔަށް ގޯލު ޖެހީ މިސްބާހް އަބްދުލް ވަހީދެވެ.

މ. އަތޮޅު އަނެއް ސެމީގައި އެންމެފަހުގެ ޗެމްޕިއަން މުލަކުން ވަނީ ކޮޅުފުށި ކައިރިން 3-0 އިން މޮޅުވެފައެވެ. އެމެޗުގައި މުލަކުގެ ދެ ގޯލު ޖެހީ ސުޖުއާން ހުސައިންނެވެ. ދެން އެޓީމުގެ ގޯލު ޖެހީ ތޮލްހަތު މުހައްމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.