ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ށ. އަތޮޅު ޗެމްޕިއަންކަން މިލަންދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިލަންދޫން މިއަދު ފުރަތަމަ ފަހަރަށް އަތޮޅު ފައިނަލަށް ނުކުތީ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، އެންމެފަހުގެ ޗެމްޕިއަން ކަނޑިތީމާ ދެކޮޅަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީއަށް ގޮސް، މިލަންދޫން ކަނޑިތީމު ބަލިކުރީ 4-2 އިންނެވެ.

މިއަދުގެ މެޗަށް މިލަންދޫން ނުކުތީ އެޓީމުގެ ކެޕްޓަން އިބްރާހީމް ސައީދުވެސް ނުލައެވެ. އެއީ އޭނާ ސަސްޕެންޝަނުގައި ހުރުމުންނެވެ. އަތޮޅު ގްރޫޕް ސްޓޭޖުގައި ކަނޑިތީމު ބަލިކޮށްފައި އޮވެގެން މެޗަށް ނުކުތް ނިލަންދޫ ކޮޅަށް ފުރަތަމަ ގޯލު ޖެހީ ކަނޑިތީމުންނެވެ. ކަނޑިތީމުގެ ގޯލު ޖެހީ އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ.

އޭގެ އިރުކޮޅެއްފަހުން މިލަންދޫން ގޯލު ޖަހައި މެޗު އެއްވަރުކުރި އިރު، އެ ގޯލު ޖެހީ އަހުމަދު ޝާނީއެވެ. އޭނާއަކީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލުވެސް ޖެހި ކުޅުންތެރިޔާއެވެ.

އޭގެފަހުން ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔަ އިރު، މެޗުގެ ފަހުކޮޅުގައި ފައުލްތައްވެސް ގިނައެވެ. ޕްރެޝަރުގައި މެޗު ޕެނަލްޓީއަށް ގޮސް، ކަނޑިތީމުން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

އާދަމް ތައުފީގު ޖެހި ޕެނަލްޓީ ބޭރަށް ގޮސްފައިވާ އިރު، ދެން އަހުމަދު ރިޒާނާއި މުހައްމަދު ޝާން ޖެހި ޕެނަލްޓީ މަތަކުރީ މިލަންދޫގެ ކީޕަރު އަހުމަދު ހުޝާމެވެ.

މިލަންދޫގެ ފުރަތަމަ ދެ ޕެނަލްޓީ ޝާނީއާއި އިސްމާއީލް ފަތުހީ ކާމިޔާބުކުރި އިރު، އެޓީމަށް ނާކާމިޔާބުވީ އަލީ އީނާސް ޖެހި ޕެނަލްޓީއެވެ. އަނެއްކޮޅުން ކަނޑިތީމުގެ އިސްމާއިލް ނިހާން ޖެހި ޕެނަލްޓީ ކާމިޔާބުކުރި އިރު، މިލަންދޫން މެޗު ކާމިޔާބުކުރީ އިބްރާހީމް ޒާހީ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ފ. މަގޫދޫ - ފ. ދަރަނބޫދޫ

ގްރައުންޑް 2: ފ. ބިލެތްދޫ - ފ. ފީއަލި

21:00

ގްރައުންޑް 1: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

ގްރައުންޑް 2: ބ، ފެހެންދޫ - ބ. އޭދަފުށި

22:00

ގްރައުންޑް 1: މ. ދިއްގަރު - މ. މުލި (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: މ. ކޮޅުފުށި - މ. މުލައް (އަތޮޅު ސެމީ ފައިނަލް)