އއ. އަތޮޅު ތަށި ދިފާއުކުރެވުމަކީ ފުރަތަމަ މަރުހަލާ ކަމަށާއި މަތިވެރީގެ ވިސްނުން ހުރީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކާމިޔާބު ކުރުމަށް ކަމަށް ކޯޗު ނައުފަލް މުހައްމަދު ބުނެފިއެވެ.

އިއްޔެ ހަވީރު ކުޅުނު އއ. އަތޮޅު ފައިނަލުގައި މަތިވެރިން ތޮއްޑޫ ބަލިކުރީ ޕެނަލްޓީގައެވެ. މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް ތޮއްޑޫ ކައިރިން ޕެނަލްޓީގައި މަތިވެރިން މޮޅުވީ 4-2 އިންނެވެ.

މެޗު ޕެނަލްޓީއަށް ދިޔައީ 0-0 އިން އެއްވަރު ވެގެންނެވެ. މަތިވެރިން ޖުމުލަ ތިން ފަހަރު އަތޮޅު ތަށި ހޯދާފައިވެއެވެ. އެއީ 2022، 2024 އަދި މި އަހަރުވެ. އިއްޔެގެ މެޗަށްފަހު ކޯޗު ނައުފަލް "ވަން ސްޕޯޓްސް" އަށް ބުނީ މިދިޔަ އަހަރުން ފެށިގެންވެސް މަސައްކަތް ކުރަމުން ދަނީ މުބާރާތުގެ ތައްޓަށް ކަމަށެވެ.

"މިއީ ފުރަތަމަ ޓާގެޓް. އޭގެފަހުން ދެން ޒޯން އޮތީ. އެއަށްފަހު ރާއްޖޭގެ ޗެމްޕިއަންކަން. އަޅުގަނޑުގެ ވިސްނުން ހުރީ ގޯލްޑަންގެ ތަށި ހޯދަން. މަތިވެރިއާ މީގެ ދެ އަހަރު ކުރިން ހަވާލުވި ހިސާބުން ބުނިން، އަޅުގަނޑާއެކު މަތިވެރިން މަސައްކަތް ކުރަން ޖެހޭނީ ގޯލްޑަން ތަށި ހޯދާށޭ. އެ މަސައްކަތް ކުރަމުން މި ގެންދަނީ،" މިދިޔަ އަހަރުވެސް މަތިވެރިއަށް އަތޮޅު ތަށި ހޯދައިދިން ނައުފަލް ބުންޏެވެ.

މަތިވެރިން މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް ބުރުގެ ކުއާޓާއަށް ދަތުރުކޮށްފައިވާއިރު، ނައުފަލް ބުނީ މި އަހަރުގެ އަތޮޅު ފައިނަލް ނިމިގެން ދިޔައީ އުނދަގޫކޮށް ކަމަށާއި މެޗަށް ނުކުތީވެސް އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

"އަޅުގަނޑުމެން ފައިނަލަށް ނުކުތީވެސް ވަރަށް އުނދަގޫވާނެ މެޗަކަށް ވިސްނައިގެން. އެކަމަށް ތައްޔާރުވެގެން ނުކުތީ. އަޅުގަނޑުމެންނަށް އެނގޭ ތޮއްޑޫން ދިޔައީ އެއް މެޗުން އަނެއް މެޗަށް ރަނގަޅު ކުރަމުންކަން. އެ މެޗުތައް ބަލަމުން ދިޔައިރު އެނގޭ، ސެމީ ފައިނަލާ ހަމައަށް ތޮއްޑޫ ދިޔައީ ތަފާތު ކަންތައްތަކެއް ކޮށްފައިކަން. ފައިނަލް މެޗަށް ނުކުތީ ހުރިހާ އެއްޗެއް ރަނގަޅަށް ބަލައިގެން. އެނގޭ ތޮއްޑޫ ފައިޓެއް ދޭނެކަންވެސް. ވަރަށް އުނދަގޫކޮށް، އަސްލު ހީކުރި ވަރަށްވުރެވެސް އުނދަގޫކޮށް ދިޔައީ،" ކުރިން ތިމަރަފުށީގެ ކޯޗިން ޓީމުގައި ހިމެނި، މުބާރާތް ކާމިޔާބުކުރި ނައުފަލް ބުންޏެވެ.

އއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ މަތިވެރީގެ އަލީ އަލްސަން "ވަން ސްޕޯޓްސް" އަށް ބުނީ މެޗު ދިޔައީ މުޅިން ގޯސްކޮށް ނޫން ކަމަށާއި ލިބުނު ފުރުސަތުތައް ނިންމާނުލެވުމުން އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އޭގެ އިތުރުން އަތޮޅު "ކިންގް"ގެ މަގާމަކީ މުޅި ޓީމުގެ މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އަލްސަން ބުނީ މަތިވެރިއަށް މިއީ ނިމުމެއް ނޫން ކަމަށާއި ޒޯނުގައި ފެންނާނީ އިތުރަށް ވަރުގަދަކޮށް ކަމަށެވެ.