ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފިއެވެ.

އެ މައްސަލައިގައި މިނިވަން މުއައްސަސާ ކޮމިޓީން ސިއްރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމަށް ފަޒީން ވަނީ ހާޒިރުކޮށްފައެވެ. ފަޒީންގެ ހާޒިރުކުރުމުގެ ކުރިން އިއްޔެ ވަނީ އެ އަންހެން މުވައްޒަފު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މިނިވަން މުއައްސަސާ ކޮމިޓީން އެ މައްސަލަ ބަލަން ފަށާފައިވަނީ، އަންހެން މުވައްޒަފަކަށް ފަޒީން ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން ހުށަހަޅާފައި އޮތުމުންނެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ. ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން ފަޒީން އެ މަގާމަށް އިންތިހާބުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވައިގެން ހުންނެވި ފަޒީން ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި ފަހުން ރާއްޖެޓީވީގައި ވެސް މަސައްކަތް ކުރެއްވިއެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު، ބްރޯޑްކޮމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާ އާއި ކޮމިޝަން މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމާ ގުޅިގެން، މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ދެ މަގާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އައިމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ފާސްކޮށްފައެވެ.

މަރިޔަމް ވަހީދާގެ ދައުރު ހަމަވުމާއެކު ބްރޯޑްކޮމްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ، މާދަމާ ރައީސަކު އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.