ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ލިބިދޭ ވަރަށް އަގުހުރި ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް ޓީމުތަކުން ކުރާ މަސައްކަތުން އެކަން ޔަގީންވާ ކަމަށް ހޮޅުދޫގެ ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) ބުނެފިއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 129 ޓީމަކުން ވާދަކުރާ އިރު، 300 އަށްވުރެ ގިނަ މެޗު ކުޅެވިގެންދާނެއެވެ. ގާތްގަނޑަކަށް 1،200 އަށްވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ފެނިގެންދާ އިރު، މުޅިން އާ ޒުވާން ކުޅުންތެރިންގެ ހުނަރުވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުތަކުގައި ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުން ޒުވާން ތަރިން އުފެދިގެން އައިސްފައިވާ އިރު، ފުޓުބޯޅަ އާއި ފުޓްސަލްގެ ކުރިއެރުމަށް ހޮޅުދޫގެ އިތުރުން ނ. އަތޮޅު ފެންވަރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މޫސަ ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެތައް ކުދިންނަކަށް ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ކަމަށާއި އެ ފުރުސަތަށް ރަށްރަށުން ތައްޔާރުވާ މިންވަރު އެކަމަށް ހެކިދޭ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ގިނަ ކުދިންނަށް ލިބޭ ފުރުސަތެއް މިއީ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މުބާރާތުން ފެންނަނީ އެ މަންޒަރު. އޭގެ ހެއްކެއް، އަހަރުން އަހަރަށް ޓީމުތައް އިތުރުވުމަކީ ވެސް. އަނެއްކާ އަޅުގަނޑުމެންނަށް އެބަފެނޭ، ހުރިހާ އަތޮޅެއްގެ ހުރިހާ ޓީމަކުންވެސް ވަރަށް ވާދަވެރި. ވަރަށް ބޮޑަށް ތައްޔާރު އެބަވޭ. ޒަމާނީ ފުޓްސަލް އެބަކުޅޭ. އެޔަށް އެބަ ތައްޔާރުވޭ. އަޅުގަނޑު ދަންނަވާނީ މުބާރާތް މިހެން ކުރިއަށް ގެންދާނަމަ، ފުޓުބޯޅަވެސް މިއޮތް ހާލަތުން ވަރަށް ރަނގަޅު ފުރުސަތުތަކެއް އެބަ ލިބޭ. ވަރަށް އޮގަނައިޒް، ވަރަށް ފުރިހަމަ މުބާރާތެއް މިއީ،" މޫސަ އިއްޔެ މެޗަށްފަހު "ވަން ސްޕޯޓްސް" އަށް ބުންޏެވެ.

ހޮޅުދޫން އިއްޔެ ވަނީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިލަދޫ ވެސް ބަލިކޮށް، އަތޮޅު ފައިނަލަށް ދަތުރުކޮށްފައެވެ. އަދި މިހާތަނަށް ހޮޅުދުއަށް އަތޮޅު ތަށި ކާމިޔާބު ކުރެވިފައި ނުވާ އިރު، މޫސަ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ނ. އަތޮޅުގެ ފުޓްސަލްގައި އެންމެ ވަރުގަދަ ބާރަކީ މިލަދޫ ކަމަށާއި މިލަދޫ ބަލިކުރެވުމަކީ އެޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ. ހާއްސަކޮށް މިލަދޫ ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނަ އިރު، ބޮޑު ޕްރެޝަރެއް ޓީމަށް އޮންނާނެ ކަމަށާއި އެ ޕްރެޝަރާއެކު ވެސް މިލަދޫ ބަލިކޮށް ފައިނަލަށް ދެވުމަކީ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި ހޮޅުދޫ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް މޫސަ ފާހަގަ ކުރިއެވެ.

"ހޮޅުދޫ މަޝްހޫރުވެފައި މި އޮންނަނީ ބޮޑަށް ފުޓުބޯޅައަށް މޮޅު ރަށެއްގެ ގޮތުގައި. އަތޮޅު ފުޓުބޯޅައިގެ ގަދަ ބާރެއް ހޮޅުދުއަކީ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ފުޓްސަލްގައި ވެސް ހޮޅުދުއަކީ ގަދަ ބާރަކަށްވާން. އެހެންވެ، މިދިޔަ އަހަރު ލިބުނު ދަށް ނަތީޖާއާ އެކު މިއަހަރު މުބާރާތަށް ވަރަށް ކުރިއާލާ ތައްޔާރުވެގެން، އަތޮޅު ތަށި ފުރަތަމަ ޓާގެޓަކަށް ހަދައިގެން ނުކުތީ،" މޫސަ ބުންޏެވެ.

ހޮޅުދުއާ ދެކޮޅަށް ނ. އަތޮޅު ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމު އެނގޭނީ، ވެލިދޫ އާއި މިލަދޫ ބައްދަލުކުރާ މެޗަށްފަހުއެވެ. އެއަތޮޅުން މުބާރާތުގައި ވާދަކުރަނީ ތިން ޓީމަކުންނެވެ.