ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް އަތުލުމުން، އެ ކަމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލުކުރަން އެންގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް އެ ޕާޓްމަންޓުތައް ބައްސާމް، ފުލުހުންނާ ހަވާލުކުރީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.
ހައިކޯޓުން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ބައްސާމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ވަނީ ނިންމައިފައެވެ. ރަޖިސްޓްރާގެ އެ ނިންމުމުގައި ވަނީ ބައްސާމުގެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެފަދަ އަމުރުތަކަކީ ފުރަތަމަ ފަހަރަށް ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވާ އަމުރުތަކެއްކަމަށްވުމުން، ބައްސާމް ހުށަހެޅި މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑަނޭޅޭނެތީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން ބައްސާމުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމައިފައިވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު މުހައްމަދު ނިޔާޒު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކޯޓަކީ ފުރަތަމަ މަރުހަލާގެ ކޯޓަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފުރަތަމަ މަރުހަލާގެ ކޯޓުތަކަކީ ދަށު ކޯޓުތަކެވެ. ނުވަތަ ހައިކޯޓަށްވުރެ ދަށު ކޯޓުތަކެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ ރައުޔުގައި ވިދާޅުވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޅައިފައިވާ ވަގުތީ ފިޔަވަޅަކަށް ނިމުމެއް ގެނައުމަށްޓަކައި ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މަސްލަހަތު ވެރިއަކަށް ކޯޓަށް ހުށަހެޅިދާނެކަން އެ ގާނޫނުގެ ދަށުންނާއި ހައިކޯޓުގެ ކުރީގެ ނިންމުންތަކުން ސާފުވާ ކަމަށެވެ.
ބައްސާމުގެ ފަރާތުން ހައިކޯޓަށް އިސްތުއުނާފީ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު އަށެއްގައި ކަމަށާއި ރަޖިސްޓްރާގެ ނިންމުން މުރާޖާއާކުރުމަށް އެދި ބައްސާމުގެ ފަރާތުން ހުށަހެޅި ފޯމުން އެނގޭ ގޮތުގައި ބައްސާމް ވަނީ އިސްތިއުނާފަށް ހުށަހެޅި އަމުރު ނިމުމަކަށް ގެނައުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. ދަށު ކޯޓަށް އެ ހުށަހެޅުމާއި ގުޅިގެން ގޮތެއް ކަނޑައަޅައިފައިވާ ކަމަށް ބައްސާމުގެ ފަރާތުން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބައްސާމުގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ ދަށު ކޯޓުން ގޮތެއް ކަނޑައަޅައިފައިވާ އަމުރެއްކަން އެނގޭ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
"އެހެންކަމުން، މި މައްސަލައިގެ ހިމެނޭ އަމުރަކީ، އެ އަމުރު ނިމުމަކަށް ގެނައުމަށް އެދި ދަށު ކޯޓަށް ހުށަހެޅިދާނެ ނިންމުމެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކި، އެގޮތުގެމަތީން ދަށު ކޯޓަށް ހުށަހަޅައި އެއާމެދު ދަށު ކޯޓުން ގޮތެއް ނިންމާފައިވާ އަމުރެއްކަން، މިހާރު އިސްތިއުނާފު ކުރަންވާނީ، ދަށު ކޯޓުން އެ އަމުރު ނިމުމަކަށް ގެނައުމާމެދު ނިންމި ނިންމުން ކަމުގައި ދެކެމެވެ" ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވައި ފަނޑިޔާރު ޝަނީޒް ވެސް ވަނީ ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށްފައެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސްފަނޑިޔާރު ހުސައިން ޝަހީދުގެއެވެ.
އިސްފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޅާ ވަގުތީ ފިޔަވަޅެއް ނިމުމަކަށް ގެނައުމަށް އެދި ފިޔަވަޅެއް އަޅާފައިވާ ފައިސާ ނުވަތަ މުދަލުގެ މަސްހަލަތެއް އޮތް ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އިސްފަނޑިޔާރު ވިދާޅުވީ ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް މައްސަލަ ހުށަހަޅަންވީ ކޮން ކޯޓަށްކަން ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ބައްސާމަށް ލިބިދީފައިވާ އިސްތިއުނާފީ ހައްގު ގާނޫނަކުން ހަނިކޮށްފައިވާކަން އެނގެން ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށް ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިސްފަނޑިޔާރު ރައުޔުގައި ވިދާޅުވިއެވެ.
މި މައްސަލައިގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމުގައި އިސްފަނޑިޔާރު ވިދާޅުވީ ބައްސާމުގެ ފަރާތުން އެދުނު ގޮތަށް ރަޖިސްޓްރާގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު