މި ސީޒަނަށްފަހު ކާލޯ އެންޗެލޮޓީ ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެންޗެލޮޓީ މީގެ ކުރިންވެސް ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވި، އެކަމުގެ ވާހަކަތައް މީޑިއާއަށްވެސް ތިލަވިއެވެ. އެހެން ނަމަވެސް، އެފަހަރު އޭނާ އެއްބަސްވުން އާކުރިއެވެ. 2023 ވަނަ އަހަރު އެންޗެލޮޓީ ބްރެޒިލް ގައުމީ ޓީމާ ހަވާލުވާނެ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، ފަހުން ރެއާލާ އެއްބަސްވުން އާކުރީ 2026 ވަނަ އަހަރާ ހަމައަށެވެ.

އެންޗެލޮޓީ އާ އެއްބަސްވުމެއްގައި ހުރި ނަމަވެސް، އޭނާ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް އޭނާއާ ގާތްގުޅުމެއް އޮންނަ އިޓަލީ ނޫސްވެރިޔަކު ވަނީ ޔަގީން ކޮށްދީފައެވެ. އޭނާ ބުނީ މި ސީޒަނުގައި ތަށްޓެއް ނުލިބުނު ނަމަވެސް، އެންޗެލޮޓީ ރެއާލް ދޫކޮށްލާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އެންޗެލޮޓީ، 65، އަކީ ރެއާލްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކޯޗެވެ. 2013 އިން 2015 އަށްވެސް އެންޗެލޮޓީ ރެއާލަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭގެފަހުން އޭނާ ކްލަބާ ހަވާލުވީ 2021 ވަނަ އަހަރުއެވެ.

ކުރިންވެސް ރެއާލާއެކު ކާމިޔާބީތައް ހޯދި އެންޗެލޮޓީ، ފަހުން ހަވާލުވެ ދެފަހަރަށް ލީގު ކާމިޔާބުކޮށް، ދެ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ހޯދާފައިވެއެވެ. ކުރިންވެސް 2013-14 ވަނަ އަހަރުގެ ސީޒަނުގައިވެސް ރެއާލް ކޯޗުކަމުގައި އެންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގު ހޯދައިފައެވެ.

އެންޗެލޮޓީ މަގާމު ދޫކޮށްލައިިފިނަމަ، އެމަގާމަށް އައުން އެންމެ ގާތީ މިދިޔަ ސީޒަނުގައި ބަޔާން ލެވަކޫސަންއާއެކު ހައިރާންކުރުވަނިވި ކާމިޔާބީތަކެއް ހޯދި، ރެއާލްގެ ކުރީގެ ކުޅުންތެރިޔާ ޒަބީ އެލޯންސޯ ކަމަށް މީޑިއާގައި ވަނީ އަޑު ގަދަވެފައެވެ.