ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ނ. އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ، ނ. ހޮޅުދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު، ނ. އަތޮޅުގެ ދެވަނަ މެޗުގައި ހޮޅުދޫން ވަނީ މިލަދޫ ކައިރިން 3-2 އިން މޮޅުވެފައެވެ.

އެ އަތޮޅުން މުބާރާތުގައި ތިން ޓީމަކުން ވާދަކުރަމުންދާ އިރު، ހޮޅުދޫއާއި މިލަދޫގެ އިތުރުން ދެން ވާދަކުރަނީ ވެލިދުއެވެ. ހޮޅުދޫން ފުރަތަމަ މެޗުގައި ވެލިދޫ ބަލިކޮށްފައިވާ އިރު، މިލަދޫން ފައިނަލުން ޖާގައެއް ހޯދަން ޖެހޭނީ އެ އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި ވެލިދޫ ބަލިކުރާށެވެ. އެ މެޗު އެއްވަރުވިޔަސް ވެލިދުއަށް ފުރުސަތު އޮންނާނެއެވެ.

ހޮޅުދުއާއި މިލަދޫގެ މެޗު ފޯރިގަދަކޮށް ފެނިފައިވާ އިރު، ފުރަތަމަ ހާފުގައި އަމްދާހް އަލީ ޖެހި ގޯލުން ހޮޅުދޫ ލީޑު ނެގިއެވެ. ދެވަނަ ހާފަށް ނުކުމެ އަހުމަދު އިނާފް އަބްދުﷲ މިލަދުއަށް އެއްވަރުކޮށްދިން އިރު، ހޮޅުދޫގެ ދެވަނަ ގޯލެއް ޖެހީވެސް އަމްދާހެވެ.

އޭގެފަހުން މުހައްމަދު ނަވީދު ޖެހި ގޯލުން މިލަދޫ އަނެއްކާވެސް އެއްވަރުކުރި އިރު، ހޮޅުދޫ މެޗުން މޮޅުވީ އަބްދުލް ވަދޫދު ޖެހި ގޯލުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.