ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އއ. އަތޮޅު ފައިނަލަށް، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން މަތިވެރިއާއި ތޮއްޑޫން ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ އއ. އަތޮޅުގެ ސެމީ ދެމެޗު ކުޅެފައެވެ.

ރޭ ތޮއްޑޫން ފުރަތަމަ ފަހަރަށް އަތޮޅު ފައިނަލް ޔަގީންކުރީ އެންމެފަހުގެ ރަނަރަޕް ބޮޑުފޮޅުދޫ ކައިރިން ޕެނަލްޓީގައި 5-3 އިން މޮޅުވެގެންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ.

ތޮއްޑުއަށް މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު ޝަމީމާއި އާދަމް ޝާވިން މޫސާއެވެ. ބޮޑުފޮޅުދޫގެ ގޯލުތައް ޖާދުﷲ އަހުމަދާއި މުހައްމަދު ޝިރުހާން ޖެހި އިރު، އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސެއިން ނަވާޒެވެ. ތޮއްޑޫގެ ޝާވިންއާއި އަލީ އިޒްމީލް އަހުމަދާއި އިބްރާހީމް އުސާމަތު ޕެނަލްޓީ ކާމިޔާބުކުރިއެވެ.

ދެވަނަ ސެމީގައި މަތިވެރިން ރަސްދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހުކޮޅާ ޖެހެންދެން މަތިވެރިން އެއް ގޯލުގެ ފަރަގެއްގައި ކުޅެމުންދިޔަ ނަމަވެސް، އެޓީމުން ފަހު ވަގުތު ގޯލުތައް ޖަހައި މެޗު ޔަގީންކުރިއެވެ.

މަތިވެރީގެ އަލީ އަލްސަންއާއި އަބްދުﷲ ފިޒާން އަބްދުލް ގާދިރު (ފިޒޭ) ގޯލުތައް ޖެހި އިރު، އަނެއް ގޯލަކީ ރަސްދޫގެ އަހުމަދު ވަހީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ށ. މިލަންދޫ - ށ. ނަރުދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ކަނޑިތީމު (ސެމީ ފައިނަލް)

17:00

ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަންދޫ

20:00

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00

ގްރައުންޑް 1: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ

ގްރައުންޑް 2: ގދ. ގައްދޫ - ގދ. ފިޔޯރީ

22:00

ގްރައުންޑް 1: ސ. ހުޅުދޫ - ސ. ފޭދޫ

ގްރައުންޑް 2: ސ. މީދޫ - ސ. ހިތަދޫ

23:00

ގްރައުންޑް 1: ފ. ފީއަލި - ފ. ނިލަންދޫ

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. ބިލެއްދޫ