އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާގެ ބަދަލުގައި ރ. އަލިފުށި، ފަސާނާ/ އަބްދުﷲ ނާޝިދުގެ ނަން ހިމަނައި، އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ފަސް މެންބަރުން ތިއްބަވާ އޭސީސީގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމުގެ ދެ މަގާމު ވަނީ ހުސްވެފައެވެ. އެކަމާ ގުޅިގެން އޭސީސީގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ގޮތުގައި މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދާއި އާއި އާސިޔާގެ ނަން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުއްވިއެވެ.
އެ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން އޭސީސީއަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމުން އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.
ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އިއުލާން ކުރެއްވި ދެ ނަމުގެ ތެރެއިން އާސިޔާގެ ނަން އުނިކުރައްވައި އޭނާގެ ބަދަލުގައި އަބްދުﷲ ނާޝިދު އާއި އަހުމަދު ނާޝިދު އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުހިއްޒު ވަނީ އަލުން މަޖިލީހަށް ފޮނުއްވައިފައެވެ.
އެ ގެންނެވި ބަދަލާ އެއްގޮތަށް ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި، އެ ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު