ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލާނާއިން ކުޅުނު މެޗުގައި ގެޓާފޭ ކައިރިން އެއްވަރުވެއްޖެއެވެ.

ބާސާއިން ރަށުން ބޭރުގައި ރޭ 1-1 އިން އެއްވަރުވެފައިވާ އިރު، ލީގުގައި ކުޅުނު މިދިޔަ އަށް މެޗުގައި އެޓީމަށް ހޯދުނީ އެންމެ މޮޅެކެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން ޕޮއިންޓް ގެއްލުވާލި ހަތަރު ވަނަ މެޗެވެ.

ލީގުގައި ދަށް ފޯމެއްގައި ބާސާ ފެނިގެންދާ ނަމަވެސް، ރޭގެ މެޗަށް ނުކުތީ ސުޕަ ކަޕް ކާމިޔާބުކޮށް، އެފަހުން ކޮޕާ ޑެލް ރޭ ގައި ކުޅުނު މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ލީގަށް ނުކުމެ އަނެއްކާވެސް ޕޮއިންޓް ގެއްލުވާލި އިރު، އެޓީމުން 2024 ނިންމާލީވެސް ލީގު ފޯމު ދަށްކޮށެވެ.

ހާންސީ ފްލިކްގެ ބާސާއަށް މެޗުގެ ފެށުން ރަނގަޅަށެވެ. އެޓީމުން ވަނީ ނުވަ މިނެޓް ހިނގުތަނާ މެޗުގެ ލީޑު ނަގައިފައެވެ. ޖޫލް ކޫންޑޭ ކުރިއަށް ޖެހި ފޮނުވާލި ފުރަތަމަ ހަމަލާފައި ގެޓާފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ ރަނގަޅު ސޭވެއް ކުރި ނަމަވެސް، ރީބައުންސް ބޯޅައިގައި އޭނާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

އެ ގޯލާއެކު ބާސާއިން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން މައުރޯ އަރަމްބަރީ ވަނީ ގެޓާފޭއަށް މެޗު އެއްވަރުކޮށްފައެވެ. އެއީ ކޯބާ ޑަ ކޮސްޓާގެ ބާރު ހަމަލާ، އިނާކީ ޕެނާ ސޭވް ކުރުމުން، ރިބައުންސްގައި ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ބާސާއިން ތިން ޕޮއިންޓަށް ކުރި މަސައްކަތުގައި ފެރެންކީ ޑި ޔޯންގް ފޮނުވާލި ހަމަލާ މަތަކޮށް، ގެޓާފޭއަށް ޕޮއިންޓެއް ސަލާމަތްކޮށްދިނީ ކީޕަރު ސޯރިއާއެވެ.

ރޭގެ ނަތީޖާއާއެކު ބާސާ ވަނީ ތާވަލުގެ ތިންވަނައަށް ސޮއްސާލައިފައެވެ. އެއީ 20 މެޗުން 39 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް، 19 މެޗުން 43 ވަނައިގައި އޮތް އިރު، އެއްވަނައިގައި އޮތީ ރޭ ލެގާނޭސް ކައިރިން 1-0 އިން ބަލިވި އެތުލެޓިކޯ މެޑްރިޑެވެ. އެއީ 20 މެޗުން 44 ޕޮއިންޓާއެކުގައެވެ.