އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ފަހުވަގުތު ބްރެންޓްފޯޑު ބަލިކުރި އިރު، އާސެނަލުން އެސްޓަން ވިލާއާ އެއްވަރުވެއްޖެއެވެ.

ލިވަޕޫލުން ރޭ ރަށުން ބޭރުގައި 2-0 އިން ބްރެންޓްފޯޑު ބަލިކުރި އިރު، އާސެނަލް ވިލާ ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެއީ އަމިއްލަ ދަނޑުގައެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލްގެ ލީޑު ވަނީ ފުޅާވެފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން 50 ޕޮއިންޓް ލިވަޕޫލުން ހޯދާފައިވާ އިރު، ދެވަނައިގައި އާސެނަލް އޮތީ 22 މެޗުން 44 ޕޮއިންޓާއެކުގައެވެ. މެޗު ހަމަކޮށް އާސެނަލްގެ މައްޗަށް ނުވަ ޕޮއިންޓްގެ ލީޑެއް ނަގަން މިހާރު ލިވަޕޫލަށް ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލުވެސް ފަހު މިނެޓު ކޮޅުގައި ފެނުނު ނަމަވެސް، އޭގެ މާކުރިން ފެށިގެންވެސް މެޗު ޑޮމިނޭޓްކޮށް ނުރައްކާކުރަމުން ދިޔައީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގައިވެސް މެޗު ކޮންޓްރޯލްކޮށް ކުޅުނު ލިވަޕޫލުން ނުރައްކާވެސް ކުރިއެވެ.

އެގޮތުން ޑޮމިނިކް ޒޮބޮސްލާއީ ފޮނުވާލި ހަމަލާ ހުރަސް ދަނޑީގައި ޖެހި ބޭރަށް ދިޔަ އިރު، ލުއިސް ޑިއާޒަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ބްރެންޓްފޯޑުން އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ޖެހިގެން ކުޅެމުން ދިޔަ އިރު، އެޓީމުން ބެލީ ކައުންޓާގައި ލިވަޕޫލް ހާސްކޮށްލުމަށެވެ. ހާއްސަކޮށް ބްރައިން އެމްބުއޭމޯގެ ބާރު ދުވެލީގެ ބޭނުން ކުރަން ބްރެންޓްފޯޑުން މަސައްކަތް ކުރިއެވެ.

ލިވަޕޫލުން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ 91 ވަނަ މިނެޓުގައި ޑާވިން ނުނިއޭޒް ޖެހި ގޯލާއެކުގައެވެ. ބެންޗުން އެރި ނުނިއޭޒް އޭނާގެ ފުރަތަމަ ގޯލު ޖެހީ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ހުރަސްކޮށްލި ބޯޅަ ފަސޭހައިން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ދެމިނެޓްފަހުން ނުނިއޭޒް ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެއީ ކައުންޓާއެއްގައި ލިވަޕޫލް ޖެހި ގޯލެކެވެ.

އާސެނަލުން ވިލާއާ އެއްވަރު މެޗުގައި ފުރަތަމަ ދެ ގޯލުވެސް ޖެހީ އާސެނަލުންނެވެ. އެޓީމުން ފުރަތަމަ ހާފުގައި މެޗުގެ ލީޑު ނެގީ ގެބްރިއަލް މާޓިނެލީ ޖެހި ގޯލަކުންނެވެ. އެ ގޯލަށް ލެއާންޑްރޯ ޓްރޮސާޑް ފުރުސަތު ތަނަވަސްކުރީ ވިލާގެ ފަހަތުން އިއާން މާޓެސަން ހެދި ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

އޭގެފަހުން ދެވަނަ ހާފަށް ނުކުމެ އާސެނަލުން ހަމަޖެހިލިއެވެ. އެއީ 55 ވަނަ މިނެޓުގައި ކައި ހަވާޓްސް ކާމިޔާބުކުރި ގޯލާއެކުގައެވެ. ކައިގެ އެ ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި 13 ވަނަ ގޯލެވެ.

ދެ ގޯލުގެ ލީޑެއްގައި އޮވެ މޮޅުވާން ދިޔަ އާސެނަލް ކޮޅަށް ވިލާގެ ފުރަތަމަ ގޯލު ޖެހީ ޔޫރީ ތީލަމަންސްއެވެ. އެއީ މެޓީ ކޭޝްގެ ހުރަހަކުންނެވެ. އޭގެ އަށް މިނެޓްފަހުން ވިލާއިން އާސެނަލާ އެއްވަރުކުރީ އޮލީ ވޮޓްކިންސް ޖެހި ގޯލަކުންނެވެ.