ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ބާރުދީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން މިމަހު 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ހަމައަށް، ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ އޮކްޓޫބަރު މަހު އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން އެ ތާރީހާ ހަމައަށް ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.
ރާއްޖޭގައި ހިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓުން މިދިޔަ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭއަށް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވާ އިރު، އެ ރިޕޯޓުތަކަށް ބަލައި 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރެވޭނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެއެވެ.
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 12 ޑިސެމްބަރު ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާ އިންނެވެ.
ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު މި ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މިމަހު އެކަކުން ފެށިގެން މި ގާނޫނަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު