ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި، މުބާރާތަށް ޓީމުތަކުން، ރަށްތަކުން ވާ ތައްޔާރީތައް ބޮޑުވުމަކީ މުބާރާތުގެ ވާދަވެރިކަން ބޮޑުވާ ސަބަބެއް ކަމަށް ހދ. ނައިވާދޫގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) ބުނެފިއެވެ.
މިހާތަނަށް ނައިވާދޫން ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމަށް ރޭ ވަނީ އަތޮޅު ސެމީ ފައިނަލް ޔަގީންވެފައެވެ. އެހެންނަމަވެސް ގްރޫޕްގެ ވާދަވެރިކަމުން އަދިވެސް އެއްވަނަ ޔަގީނެއް ނުވެއެވެ.
"ޓީމު ހަމަ ވަރަށް ރަނގަޅަށް މިއޮތީ. އެންމެ ފުރަތަމަ ޓާގެޓަކީ އަތޮޅު ޗެމްޕިއަންކަން. ދެން އެއަށްފަހު އިތުރު ވިސްނުމަކަށް ދާނީ. މީ ރާއްޖޭގަ ބާއްވާ އެންމެ ރަނގަޅު މުބާރާތް. ޓީމުތަކުން ތައްޔާރުވާ ތައްޔާރުވުން އެއީ ވަރަށް ޗެލެންޖިން ކަމަކަށް ވާނެ. އެހެންވީމަ ޗެލެންޖިން މުބާރާތަކަށް ޔަގީނުންވެސް ވާނެ،" ރޭގެ މެޗަށްފަހު ޝާއްޕެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މީގެ ކުރިން ނައިވާދޫން ވަނީ އެ އަތޮޅުގެ ތަށި ތަކުރާރުކޮށް ކާމިޔާބުކޮށް، އަތޮޅު ބުރު ޑޮމިނޭޓް ކޮށްފައެވެ. ޝާއްޕެގެ ހިއްސާވެސް އެ ދަތުރުގައި ބޮޑުކޮށް ފެނުނުއިރު، މިދިޔަ އަހަރު އެޓީމުން އުފުލާލި ތަށްޓަކީ ހަވަނަ އަތޮޅު ތަށްޓެވެ. ނައިވާދޫން 2023 ވަނަ އަހަރު ފައިނަލް ބުރުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވާ އިރު، އޭގެފަހުން މިދިޔަ އަހަރުވެސް މުބާރާތުގެ ގަދަ 16 ގައި ނައިވާދޫ ވާދަކުރިއެވެ.
މިދިޔަ އަހަރު ލ. ގަމާ ވާދަކޮށް ނައިވާދޫ ކަޓައިގެން ދާން ޖެހިފައިވާ އިރު، އެމެޗަކީ ޕެނަލްޓީގައި ބަލިވި މެޗެކެވެ. އެމެޗުގައި ޕެނަލްޓީގައި ގަން މޮޅުވީ 4-2 އިންނެވެ. މިދިޔަ ދެތިން އަހަރަށް ބެލި ނަމަވެސް ނައިވާދުއަކީ ކާމިޔާބީއާ ގާތުގައި އޮތް ޓީމެކެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހަށް ދަތުރުކުރެވޭނެ ފެންވަރު ހުރި ވަރުގަދަ ޓީމެކެވެ.
ރާއްޖޭގެ ފުޓްސަލްގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު އައްޒާމްގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ނައިވާދޫން މޮޅު ނަތީޖާތަކެއް ނެރެފައިވާ އިރު، ދެން އެޓީމަށް އޮތީ ގްރޫޕުގެ އެއްވަނަ ޔަގީންކުރުމެވެ. ކުމުންދޫއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 21 ވަނަ ދުވަހު ކުޅޭ މެޗުން މޮޅުވެގެން ނޫނީ އެއްވަރުކޮށްލައިގެން ނައިވާދުއަށް އެކަން ހާސިލުކުރެވެން އެބައޮތެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް