އުރީދޫން ބާއްވާ ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު އުރީދޫ މޯލްޑިވްސްގެ ނަސީބުވެރި ދެ ކަސްޓަމަރުން މިއަދު ގަތަރަށް ފުރައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ގަތަރުގެ ވެރިރަށް އަދި ވިޔަފާރީގެ މައި ހަބު، ދޯހާގައި ބާއްވާ "ދޯހާ މެރެތަން" ގައި ދުވުމުގެ ފުރުސަތު ލިބުނު ދެ ކަސްޓަމަރުންނަކީ މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ.

އެ ދެ މީހުންގެ އިތުރުން އުރީދޫ ސްޓާފުންގެ މެދުގައި ނެގި ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދުވެސް މެރެތަންގައި ބައިވެރިވުމަށް މިއަދު ވަނީ ފުރައިފައެވެ.

ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދާފައިވާ ދޯހާ މެރެތަންގައި މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިއުމަށް ކޮލިފައިވާނެއެވެ.