ވާދަވެރި އިޓަލީ ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ކުޅުނު މެޗުގައި ބޮލޯނިއާއާ އެއްވަރުވެ، އެޓީމަށް ތާވަލުގެ އެއްވަނައަށް އަރަން އުނދަގޫތަކަކާ ކުރިމަތިވެއްޖެއެވެ.

ރޭ އިންޓަގެ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމިފައިވާ އިރު، އިންޓަ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ 19 މެޗުން 44 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައަށް ގާތުން ވާދަކުރަމުންދާ އެޓަލާންޓާ ތިންވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުން މޮޅުވެ، އެއްވަނައަށް އަރަން އިންޓައަށް ފުރުސަތު އޮތް ނަމަވެސް، މެޗުގެ ކުރީކޮޅުގައިވެސް އިންޓައަށް ފަސޭހައެއް ނުވިއެވެ. 15 ވަނަ މިނެޓުގައި ސަންޓިއާގޯ ކާސްޓްރޯ ޖެހި ގޯލުން ބޮލޯނިއާ ލީޑު ނެގިއެވެ. އެއާއެކު އިންޓައަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހި، އެޓީމުން ކުރިއަށް ޖެހިލިއެވެ.

ނަތީޖާއެއްގެ ގޮތުން، އޭގެ ހަތަރު މިނެޓްފަހުން އިންޓައިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއީ ޑެންޒިލް ޑަމްފްރީސް ޖެހި ގޯލުންނެވެ. ހާފު ނިމުމުގެ ކުރިން އިންޓައިން ލީޑުވެސް ނެގިއެވެ. އެ ގޯލަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ޖެހި ގޯލެކެެވެ. އެއީ މި ސީޒަނުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ.

މެޗުން ބޮލޯނިއާ ޕޮއިންޓެއް ހޯދީ، 64 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އެޓީމުގެ ގޯލު ޖަހައިދިނީ އެމިލް ހޯލްމެވެ.