ރޭ ޖަރުމަނު ލީގުގައި ކުޅުނު މެޗުން މޮޅުވެ، އެއްވަނައިގައި ބަޔާން މިއުނިކުން ދަމަހައްޓަމުން އަންނަ ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.

ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ހޮފެންހެއިމްގެ މައްޗަށް ކުރި ހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ބަޔާނުން ކުޅެފައިވާ 17 މެޗުގެ ތެރެއިން 13 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އެއްވަނައިގައި އޮތީ 42 ޕޮއިންޓާއެކުގައެވެ.

ބަޔާންގެ ފަހަތުން ދެވަނައިގައި އޮތް ލެވަކޫސަން، 17 މެޗުން 38 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި މިވަގުތު އޮތީ ފްރޭންކްފާޓެވެ. އެއީ 17 މެޗުން 33 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ބަޔާނުން ތިން ގޯލު ޖަހާފައިވެއެވެ. އެ ގޯލުތައް ޖެހީ ލެރޮއި ސާނޭއާއި ރަފޭލް ގޮރޭރޯގެ އިތުުރުން ހެރީ ކޭންއެވެ. ކޭން ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ސާޖް ނަބެރީއާއި ސާނޭގެ އިތުރު ގޯލުތަކުން ބަޔާން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، އެ ކްލަބު ދޫކޮށް ޗެލްސީއަށް ދާން އުޅޭ ކަމަށް އަޑު ފެތުރިފައިވާ މަތެއަސް ޓެލް ވަނީ ރޭގެ މެޗަށް ނުކުމެ އެސިސްޓެއް ހަދައިފައެވެ.