އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ނޯތު ލަންޑަން ޑާބީގައި އާސެނަލުން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފިއެވެ.
އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާއާއެކު އާސެނަލަށް ވަނީ ތަށީގެ ރޭހުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެވެ. އެޓީމުން މިހާތަނަށް ކުޅުނު 21 މެޗުން 43 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، މިހަފުތާ ލީގުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ޕޮއިންޓް ގެއްލުވާލި ލިވަޕޫލް އެއްވަނައިގައި އޮތީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މޗުން ބަލިވި ޓޮޓެންހަމް އޮތީ އުނދަގޫ ހާލަތެއްގައެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. ގަދަ 10 އަކަށް އަރަންވެސް ހަތަރު ޕޮއިންޓް ބޭނުންވެއެވެ.
އާސެނަލުން ރޭގެ މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. އެޓީމުން މިދިޔަ ހަފުތާގައި ކުޅުނު އެފްއޭ ކަޕް ތިންވަނަ ބުރުގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވެ، މުބާރާތުން ކަޓާފައިވާ އިރު، އޭގެ ކުރިން ކުޅުނު ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ނިއުކާސަލް ކައިރިންވެސް އޮތީ ބަލިވެފައެވެ.
އެ އުނދަގޫކަމުގައި މެޗަށް ނުކުތް އާސެނަލަށް އިތުރު އުނދަގޫތަކާ ދިމާވީ ރޭގެ މެޗުގެ އޮއިވަރާ އިދިކޮޅަށް، 25 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ލީޑު ނެގުމުންނެވެ. އެ ގޯލު ޖެހީ ސޮން ހިއުން-މިން އެވެ. ސޮން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވިލިއަމް ސަލީބާ ގައިގައި ޖެހިފައެވެ.
އެ ގޯލަށް އާސެނަލުން ޖަވާބު ދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. 40 ވަނަ މިނެޓުގައި ޑެކްލައިން ރައިސް ނެގި ކޯނަރަށް އަރައި ވިލިއަން ސަލީބާ ބޮލުން ޖައްސާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ޑޮމިނިކް ސޮލާންކޭ ގައިގައި ޖެހި ބައިކޮޅަށެވެ.
އޭގެ ހަތަރު މިނެޓުފަހުން އާސެނަލުން މެޗުގެ ލީޑުވެސް ނެގިއެވެ. އެޓީމުގެ ދެވަނަ ގޯލު، މާޓިން އޮޑެގާޑުގެ ބޯޅައަކުން ގޯލަށް ވައްދާލީ ލެއާންޑްރޯ ޓްރޮސާޑެވެ.
ދެވަނަ ހާފުވެސް އާސެނަލުން ޑޮމިނޭޓް ކޮށްފައިވާ އިރު، އެޓީމަށް މަދުވީ އިތުރު ގޯލެކެވެ. މެޗު ޑޮމިނޭޓް ކުރަމުން ދިޔަ އާސެނަލަށް އިތުރު ގޯލެއް ނުޖެހިގެން އުޅެނިކޮށް، ޕެޑްރޯ ޕޯރޯގެ ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު