މިދިޔަ ހަތަރު އަހަރުވެސް ރާއްޖޭގެ ފުޓުބޯޅަ ލީގު ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އާ ކޯޗަކަށް ސްޕެއިންގެ ފުޓުބޯޅަ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފިއެވެ.

މާޒިޔާއިން މިއަދު ލުއިސްމާ އިއުލާނުކޮށްފައިވާ އިރު، އޭނާ ކޯޗުކަމަށް ގެނެސްފައިވަނީ އޭއެފްސީ ޗެލެންޖާސް ލީގަށް ގެނައި ކޯޗު، ސާބިއާގެ ޑްރަގަން ޑުކަނޯވިޗް އެއްބަސްވުން ހަމަވެ، ފޮނުވާލުމަށްފަހުއެވެ. މިދިޔަ އަހަރެއްހާ ދުވަހު ރާއްޖޭގެ ފުޓުބޯޅަ ލީގު ކުރިއަށް ގޮސްފައި ނުވާ އިރު، މާޒިޔާއިން ޑްރަގަން ގެނައީ އޭއެފްސީ ޗެލެންޖް ލީގަށެވެ.

މި ސީޒަން ފަށަން ފުރަތަމަ ތާވަލުކުރީ ޖެނުއަރީ މަހަށް ނަމަވެސް، އެ މުއްދަތު ފަސްވެގެން ގޮސް، މިހާރު ސީޒަން ފަށަން އޮތީ އަންނަ މަހަށެވެ. ކުރިން ޖެނުއަރީގައި ސީޒަން ފަށާތީ މާޒިޔާއިން ތަމްރީނުތައްވެސް ފެށިއެވެ. އެއީ ކޯޗު ޑްރަގަންއާއެކުގައެވެ. އެހެންނަމަވެސް ސީޒަން ފެށޭނެ ތާރީހު ޔަގީން ނުވެ އޮތުމުން، އެ ކްލަބުން ފަރިތަކުރުންތައް މެދުކަނޑާލީއެވެ.

މާޒިޔާއާ ހަވާލުވި އުމުރުން 52 އަހަރުގެ ލުއިސްމާއަކީ ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑް އެކަޑެމީތަކުގެ ޓެކްނިކަލް ޑިރެކްޓަރުންގެ ތެރޭގައި މަސައްކަތްކުރުމުގެ އިތުރުން އޭނާ ވަނީ ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ބާސާ އެކަޑެމީގައި އޭނާ ހުރީ ޓެނެރީފްގެ އެކަޑެމީގެ މަސައްކަތުގައެވެ. އަދި ރެއާލްގައި އޭނާ ވަނީ އިންޓަނޭޝަނަލް ފައުންޑޭޝަން ޕްރޮޖެކްޓްގައި މަސައްކަތްކޮށްފައެވެ.

މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، ލުއިސްމާ ބުނީ ހަވާލުވެވުނީ ބޮޑު ޒިންމާއަކާ ކަން އެނގޭ ކަމަށާއި، މިވަގުތު ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތުން އެހީވާން ބޭނުމީ ހަމައެކަނި މާޒިޔާއަށް ނޫން ކަމަށާއި، މިވަގުތު މުޅި ރާއްޖެއަށްވެސް އެހީވާން ބޭނުން ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅަށް އެނގޭ ކަމަށާއި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. އެޓީމުން ރަނގަޅަށް ފައިސާ ހަރަދުކޮށްގެން ވަރުގަދަކޮށް ޓީމު ހިންގަމުންދާ ނަމަވެސް، ރާއްޖޭގެ ލީގުގައި އެހެން ކްލަބުތައް ފެންނަނީ ފައިސާގެ ދަތިކަމުގައި އުޅެމުންދާތަނެވެ. ހާއްސަކޮށް އެފްއޭއެމްވެސް އޮތް ހާލަތުން އެހެން ކްލަބުތަކަށް އަދިވެސް ސީޒަނަށް ތައްޔާރުވާން މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.