ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ ބައްދަލުކުރައްވައިފިއެވެ. ރޭ، މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، ރައީސް. ޑރ މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. ކަރިސް ވަނީ، އެ މަނިކުފާނުގެ ދައުވަތު ގަބޫލުފުޅުކުރައްވައި އެ ގައުމަށް ވަޑައިގެންނެވީތީ ރައީސް ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ރައީސް ޑރ. މުއިއްޒު ވަނީ، އެ ގައުމުން ވިދާޅުވި ހޫނު މަރުހަބާ އާއި ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތައުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސް ޑރ. މުއިއްޒު ވަނީ ސައިބަ ސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން އިލްމު ހިއްސާކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އެސްޓޯނިއާ އަކީ އިއާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވަނީ، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް އެ މަނިކުފާނު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދެ ރައީސުންވެސް ވަނީ، ބައިނަލްއަގުވާމީ ސެކިއުރިޓީއާ މެދު ހިޔާލުބަދަލުކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، އަޒުމުކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުއިއްޒު އާއި ރައީސް ޑރ. އަލާރް ކަރިސްގެ ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަގީންކަން ދެއްވަމުން ކަމަށްވެސް ރައީސ އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު