ނޮޓިންހަމް ފޮރެސްޓަކީ ތައްޓަށް ވާދަކުރާ ޓީމެއް ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ނޫނޯ އެސްޕިރިޓީ ސަންޓޯސްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ފޮރެސްޓަކީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފައިވާ ޓީމެކެވެ. އެޓީމުން 20 މެޗުން 40 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ، ދެވަނައިގައި އޮތް އާސެނަލާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށެވެ.

އެއްވަނައިގައި އޮތް ލިވަޕޫލުން މިހާތަނަށް 19 މެޗު ކުޅެ، 46 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު ލީގުގައި ބަލިވެފައި ވަނީ ފޮރެސްޓް ކައިރިން އެކަންޏެވެ. ލީގުގެ އަނެއް ބުރު ފަށަން ތައްޔާރުވެފައިވާ އިރު، ލިވަޕޫލުން މިރޭ އަނެއްކާވެސް ލީގުގައި ފޮރެސްޓާ ދެކޮޅަށް ނުކުންނާނެއެވެ. އެއީ ފޮރެެސްޓް ދަނޑުގައެވެ.

"ތާވަލަކަށް ގޮތް ނިންމަން އެންމެ ފުރަތަމަވެސް އެއްޗެއް ބުނެވޭނީ ސީޒަން ދެބައިވުމުންނޭ އަހަރެން އަބަދުވެސް ބުނަން،. މިއީ އެވަގުތު. ފޮރެސްޓް އާސެނަލާއި ޗެލްސީގެ އިތުރުން ސިޓީއާއި ލިވަޕޫލާ އެއްކޮށް ތާވަލުގެ ކުރީގައި އޮތިއްޔާ، އެޓީމަކީ ތައްޓަށް ވާދަކުރާ ޓީމެއް. އެގޮތަށް އެޓީމާ ދޭތެރޭ ދެކުން ހައްގު،" ސްލޮޓް ބުންޏެވެ.

މިދިޔަ ސީޒަނުގައި ކިރިޔާ ރެލިގޭޝަނުން ސަލަމާތްވި ފޮރެސްޓް މިހާތަނަށް މި ސީޒަނުގައި ކުޅުނު 20 މެޗުގެ ތެރެއިން ބަލިވީ އެންމެ ހަތަރު މެޗުންނެވެ. އެ ފޯމުގައި ވަރުގަދަކޮށް އޮތް ނަމަވެސް، ސްލޮޓްގެ އެވާހަކަތަކަށް ފޮރެސްޓްގެ ކޯޗު ސަންޓޯސް ތާއީދެއް ނުކުރެއެވެ. އޭނާގެ ނަޒަރުގައި ފޮރެސްޓަކީ ލީގަށް ވާދަކުރާ ޓީމެއް ނޫނެވެ.