ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގއ. އަތޮޅު ޗެމްޕިއަންކަން މިހާތަނަށް ދެއްވަދުއަށް ލިބިފައި ނުވާ ކަމަށާއި މިފަހަރު އެންމެ ފުރަތަމަ ޓާގެޓަކީވެސް ރަށަށް އެ ތަށި ހޯދައިދިނުން ކަމަށް އެޓީމުގެ ކެޕްޓަން އަހްނަފް ރަޝީދު (އަހުއްކޮ) ބުނެފިއެވެ.

ދެއްވަދޫން މިހާތަނަށް ކުޅުނު މެޗުތަކުގައި ވަރުގަދަ ފޯމެއް ދަމަހައްޓަމުންދާ އިރު، އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ އަހުއްކޮއެވެ.

"ފުރަތަމަ ދެމެޗު މިދިޔައީ ތަންކޮޅެއް ފަސޭހަކޮށް. އެހާ ބޮޑަށް އުނދަގޫވެގެން ނުދިޔަ ފުރަތަމަ ދެ މެޗުގައި ވެސް. އެކަމަކު ޓީމު މިހާރު އޮތް ފޯމާއި ކިކާ ބަލާފައި ވަރަށް ހިތްހަމަ ޖެހޭ. އެންމެ ފުރަތަމަ ވެސް ޓާގެޓަކީ އަތޮޅު ޗެމްޕިއަންކަން. އޭގެފަހުން ޒޯނުގެ ޗެމްޕިއަން ކަމަށް ވިސްނާނީ. މިފަހަރު ގަދަ 16 އަށް ދިޔުން އެއީ ވަރަށް މުހިއްމު ޓާގެޓެއް،" ދެވަނަ މެޗަށްފަހު އަހުއްކޮށް "ވަން ސްޕޯޓްސް" އަށް ބުންޏެވެ.

ދެއްވަދޫން މިފަހަރު މުބާރާތަށް ނުކުތީ ސްކޮޑުގައި ވަރުގަދަ ކުޅުންތެރިންތަކެއް ހިމަނައިގެންނެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) އާއި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)ގެ އިތުރުން މުހައްމަދު އިމްރާން (އިންމި) އާއެކު އިތުރު ވަރުގަދަ ކުޅުންތެރިން ދެއްވަދުއަށް ކުޅެމުންދާ އިރު، އެޓީމުގެ ކޯޗަކީ އަބްދުﷲ ހަނީފް (ބެންޖޯ)އެވެ.

ބެންޖޯގެ ތަޖުރިބާއާ އެކު މިހާތަނަށް ގްރޫޕް ބުރުގައި ކުޅުނު މެޗުތަކުން ދެއްވަދޫ ބޮޑެތި މޮޅުތަކެއް ހޯދާފައިވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ވިލިނގިލި އަތުން 6-1 އިން މޮޅުވި އިރު، އޭގެފަހުން ކުޅުނު މެޗުގައި ކޮލަމާފުށި ބަލިކުރީ 14-1 ގެ ނަތީޖާއަކުންނެވެ.

އެ ފޯމާއެކު ދެއްވަދޫ އޮތުމުން އަހުއްކޮގެ ނަޒަރުގައި ރަށަށް ފުރަތަމަ ފަހަރަށް އަތޮޅު ތަށި ހޯދައިދީ، ތާރީހު ބަދަލުކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.

"ފުޓްސަލްގެ ތަށިތަކަށް ބަލާއިރު ސީއެމްސީ އާއި ގޯލްޑަން އެންމެ ފާހަގަ މިކޮށްލެވެނީ. ސީއެމްސީގައި މިހާރު ސެމީއާ ހަމައަށް ދެވިއްޖެ. އެހެންވިޔަސް ގޯލްޑަންގައި މީގެ ކުރިން (ދެއްވަދޫ) އަށް އަތޮޅު ޗެމްޕިއަންކަން ވެސް ހޯދިފައެއް ނެތް. އިރާދަކުރެއްވިއްޔާ މިފަހަރު ފުރަތަމަ ޓާގެޓަކަށް މި ހަދަނީ އަތޮޅު ޗެމްޕިއަންކަން ހޯދު،" އަހުއްކޮށް ބުންޏެވެ.

ދެއްވަދޫން ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ މާމެންދޫއާ ދެކޮޅަށެވެ. އެއީ މިމަހުގެ 18 ވަނަ ދުވަހުއެވެ.