މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 12 ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ހިމެނޭގޮތަށް އިންޓަވިއު އިން ފާސްވި ހަތަރު ބޭފުޅުންގެ ނަން މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
އެ ދެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ލިސްޓުގައި އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުގެ އެންމެ ކުރީގައި މުހަންމާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) ހިމެނުނު ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިންޓަވިއު އިން ބޭނުންވާ އަދަދަށް މާކްސް ލިބިފައިނުވުމުން، އޭނާގެ ނަމަށް ވޯޓަށް އެހުމަށް ފޮނުވައިފައެއް ނުވެއެވެ.
އާންމުކޮށް ރައީސް ފޮނުއްވާ ތަރުތީބަށް ބަލައިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދެމުންދިޔަ ނަމަވެސް، އެ އިންޓަވިއުގައި ތަރުތީބުގެ ފަހަތުގައިވާ ބޭފުޅުންނަށް ވެސް މަތިން މާކްސް ދީފައިވާކަން ކޮމިޓީން މިއަދު ނެރުނު ރިޕޯޓުން ދައްކައެވެ. މަޖިލިސް ގަވާއިދުގައިވާ ގޮތުން، ވޯޓަށް އެހުމަށް ފޮނުވޭނީ 75 ޕަސަންޓަށްވުރެ މަތިން މާކްސް ލިބޭ ނަންތަކެވެ.
- މުހައްމަދު އަބްދުﷲ، އުސްއަކުރުގެ، ހއ. އިހަވަންދޫ
- އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ
- އިބްރާހިމް އަޝްރަފް، ވ. މަށިވެލި
- ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބެއިރު އަހުމަދު މަނިކު، ގ. މަލްވިނަ
- އަބްދުﷲ ހުމެއިދު، ފަޒާ، ޅ. ހިންނަވަރު
- އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓާ، ސ. ހިތަދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
- އިސްމާއީލް ޝަފީގު، މ. ސްލީޓް
- ޝިފްޒާ މުސްތަކާ އާސާން، މާދަނޑު، ޏ. ފުވައްމުލައް
- އަލީ ނިޝާން، ގ. ކޫލްގްރާސް
- މުހައްމަދު ޝަމީން، ހ. ޕްރިޓީވިލާ
ކޮމިޓީ ރިޕޯޓުން ދައްކާގޮތުން އެންމެ މަތިން މާކްސް ލިބިގެން ވޯޓަށް އެހުމަށް މަޖިލިސް ތަޅުމަށް ފޮނުވާފައިވަނީ އާމިނަތު ސަރާހަތު އިއްޒަތާއި ޝިފްޒާ މުސްތަފާ އާއި މުހަންމާގެ އިތުރުން ޝިމްލާ އަހުމަދުގެ ނަމެވެ. މާކްސް ދިން ލިސްޓުގައި މުއާޒް އޮތީ ހަތްވަނައަށެވެ. އޭނާއަށް ލިބުނީ 68 ޕަސަންޓެވެ.
- އާމިނަތު ސަރާހަތު އިއްޒަތު - 89 ޕަސަންޓް
- ޝިފްޒާ މުސްތަފާ - 84 ޕަސަންޓް
- މުހައްމަދު އަބްދުﷲ (މުހަންމާ) - 79 ޕަސަންޓް
- ޝިމްލާ އަހުމަދު - 77 ޕަސަންޓް
ބައެއް މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފައިވާ އިރު، ޖަލްސާގެ އެޖެންޑާގައި ވަނީ ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަންކުރުމާ މެދު ކޮމިޓީން ނިންމާފައިވާ ގޮތާއި އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމާ މެދު ކޮމިޓީން ނިންމާފައިވާގޮތާ މެދު ވޯޓަށް އެހުމަށެވެ.
އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުން ވެސް ހިމެނެއެވެ. އަދި ވަޒީރުންގެ މަޖިލީހަށް ގެނެސްފައިވާ ބަދަލުތަކަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމަށް ވެސް އެޖެންޑާގައި ހިމެނެއެވެ.
ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިންމާފައިވަނީ ބައެއް މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރަން ގާނޫނުގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު