ރޭ ކުޅުނު އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ކަޓުވާލައިފިއެވެ.

ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު އިތުރު ވަގުތަށް ދިޔައީ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެންނެވެ. އަދި އިތުރު ވަގުތުގައި އިތުރު ގޯލެއް ނުފެނި މެޗު ޕެނަލްޓީއަށް ގޮސްފައިވާ އިރު، ޕެނަލްޓީގައި އާސެނަލް ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގައިފައެވެ. އެއީ ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލަކުންނެވެ. އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ކައްސާލުމުން އެތަނުން ފައިދާ ނަގައި، އެލެހާންޑްރޯ ގަނާޗޯ ތަނަވަސްކުރި ފުރުސަތު ގޯލަށް ވައްދާލީ ފެނާންޑޭޒްއެވެ.

އޭގެ އިރުކޮޅެއްފަހުން އާސެނަލަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ހެރީ މެގެއާ އޭރިއާ ތެރެއިން ކައި ހަވާޓްސްއަށް ކުރި ފައުލާއެކު އާސެނަލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޕެނަލްޓީގައި މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ މަތަކުރީ ޔުނައިޓެޑްގެ ޒުވާން ކީޕަރު އަލްތޭ ބަޔިންދީރެވެ.

އޭގެފަހުންވެސް އާސެނަލްގެ ހަވާޓްސްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ޑެކްލަން ރައިސްއަށް ލިބުނު ފުރުސަތުވެސް ވީ ބޭކާރެވެ. މެޗުގައި އާސެނަލުން އެއްވަރުކުރި ގޯލު ގެބްރިއަލް ޖަހައިދިން އިރު، އިތުރު ވަގުތުގައިވެސް ބޮޑަށް ނުރައްކާ ކުރީ އާސެނަލެވެ.

އެހެންނަމަވެސް ޕެނަލްޓީގައި ހަވާޓްސް އަތުން ޕެނަލްޓީ ނާކާމިޔާބުވެ، ޖޯޝުއާ ޒިރްކްޒީ ޖެހި ފަހު ޕެނަލްޓީއާއެކު ޔުނައިޓެޑުން ހަތަރުވަނަ ބުރަށް ދަތުރުކުރިއެވެ.