ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް އެނގިވަޑައިގަތުމެއް ނެތި، އޭނާ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވައްދާފައިވާތީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އެމްޑީޕީން ބުނީ، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައިނުވާ އެ ޕާޓީގެ ބައެއް އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންވެސް ޕާޓީގެ ދަފްތަރުން އުނިކޮށް ޕީއެންސީގައި ހިމަނާފައިވާ މައްސަލަ އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނެސްފައިވާނެ ކަމަށެވެ.
އެމްޑީޕީން ބުނީ، ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަކުރަން ކަމަށް ބުނެ، މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް އީސީގައި އެދިފައިވާނެ ކަމަށެވެ.
"މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސްއިން ޕީއެންސީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، ފިއްޓެއަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް އޭނާ ބަދަލުކޮށްފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
"ފިއްޓެވެސް އަދި އެމްޑީޕީންވެސް އެ މައްސަލަ ވަނީ މި ކޮމިޝަނަށް ހުށަހަޅާފައި. މިހާރުވެސް އެ މަސައްކަތުގައި އަޅުގަނޑުމެން މިތިބީ" ޒަކަރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވުމާ އެކު، ފިއްޓެގެ ގޮނޑި ގެއްލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ޒަކަރިއްޔާ ވިދާޅުވީ އެފަދަ ހާލަތެއް ކުރިމަތި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން "ވަން" އިން ފިއްޓެގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު