ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް އެނގިވަޑައިގަތުމެއް ނެތި، ސަރުކާރު ހިންގާ ޕީއެންސީ އަށް ބަދަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، ފިއްޓެއަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް އޭނާ ބަދަލުކޮށްފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
"ފިއްޓެވެސް އަދި އެމްޑީޕީންވެސް އެ މައްސަލަ ވަނީ މި ކޮމިޝަނަށް ހުށަހަޅާފައި. މިހާރުވެސް އެ މަސައްކަތުގައި އަޅުގަނޑުމެން މިތިބީ" ޒަކަރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވުމާ އެކު، ފިއްޓެގެ ގޮނޑި ގެއްލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ޒަކަރިއްޔާ ވިދާޅުވީ އެފަދަ ހާލަތެއް ކުރިމަތި ނުވާ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ، މެންބަރަކަށް އެނގުމަކާ ނުލައި، އޭނާ އެހެން ޕާޓީއަކަށް ބަދަލުވެފައިވީ ނަމަވެސް އެެއީ ގޮނޑި ގެއްލޭނެ ހާލަތެއް ނޫން ކަމަށެވެ.
މި ކަމާ ގުޅިގެން "ވަން" އިން ފިއްޓެގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު