މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް، އެ ޕާޓީގެ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު)، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިއްޖެއެވެ.
ދޮންކޮޅު، ޕީއެންސީއަށް ސޮއިކޮށްފައިވަނީ މުލިއާގޭގައި ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންކޮޅުގެ މެމްބާޝިޕް ފޯމު އުފަލާއެކު ބަލައިގަންނަ ކަމަށާއި އޭނާއަށް ޕީއެންސީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ވަރަށް ފަހަކާ ޖެހެންދެން ވެސް ދޮންކޮޅު ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ. ނަމަވެސް އިއްޔެ އާއި މިއަދު އެމްޑީޕީއަށް ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ސޮއިކުރުމާއެކު ދޮންކޮޅު ވަނީ އެމްޑީޕީއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެގޮތުން އެކްސްގައި ދޮންކޮޅު އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އުނބަށް ޖެހީ ރައީސް މުއިއްޒެއް ނޫން، އުނބަށް ޖެހީ އެމްޑީޕީ" ކަމަށެވެ.
ޑިމޮކްރެޓްސް ދޫކޮށްލުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި، އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓުގެ ގޮތުން ވާދަކުރެއްވި، ހުސެން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ އޭރުގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު