ފައިނަލެއްގައި އެލް ކްލެސިކޯއަކަށް ނުކުންނަން ޖެހުމަކީ އިތުރު ޕްރެޝަރަކަށް ވާނެ ކަމަށާއި، ގޯސްތައް ރަނގަޅުކުރަން ވިސްނާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި މިރޭ ރެއާލާއި ބާސާ ނުކުންނާނީ ސައުދީ އަރަބިއާގެ ޖިއްދާގައެވެ. މިރޭގެ މެޗަށް ރެއާލުން ނުކުންނަނީ ސެމީ ފައިނަލުގައި މަޔޯކާ ބަލިކޮށްފައި އޮވެގެންނެވެ. އަދި ބާސާއިން ނުކުންނަނީ ސެމީގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފައެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، މި ސީޒަނުގައި ކުރިން ކުޅުނު އެލް ކްލެސިކޯގައި ބާސާއިން ވަނީ ރެއާލް ކައިރިން 4-0 އިން މޮޅުވެފައެވެ. މިރޭގެ ފައިނަލާ ގުޅޭގޮތުން ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ އެ މެޗުގެ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ބަލަން ޖެހޭނީ އެ މެޗުގައި ރަނގަޅަށް ކުރެވުނު ކަންކަމުގައި ހިފައިގެން އެކަން ތަކުރާރުކުރުމަށް ކަމަށެވެ.

"އަހަރެމެން ވިސްނަން ޖެހޭނެ އެންމެފަހުން ކުޅުނު އެލް ކްލެސިކޯ މެޗަށް. އެ މެޗުގައި ބާސާއިން އަހަރެމެން ބަލިކޮށްފައި އޮތީ ތަފާތު ބޮޑު ނަތީޖާއަކުން. އެ މެޗުގެ ކަންކަން އަހަރެމެން ރަނގަޅަށް އެސެސްކުރިން. އަހަރެމެން ކުރަން ޖެހޭ ކަމަކީ އެ މެޗުގައި ރަނގަޅަށް ކުރެވުނު ކަންކަން ތަކުރާރުކުރުން،" އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ ސުޕަ ކަޕަކީ ރެއާލަށް މުހިންމު މުބާރާތެއް ކަމަށާއި، އެ މުބާރާތް ކާމިޔާބުކުރާ ސީޒަނެއް ވެއްޖެއްޔާ ރެއާލަށް ނަތީޖާ ރަނގަޅު ކަމަށެވެ. އޭގެ އިތުރުން އެންޗެލޮޓީ ބުނީ ބާސާއަކީ ޒަމާންވީ ވާދަވެރިއެއް ކަމަށާއި، އެޓީމާ ދެކޮޅަށް ކުޅޭ އެއްވެސް މެޗެއްގެ ނަތީޖާ ނުކުންނާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް އުނދަގޫވާނެ ކަމަށެވެ.

މިހާތަނަށް އެންމެ ގިނައިން ސުޕަ ކަޕް ހޯދާފައިވަނީ ބާސާއިންނެވެ. އެއީ 14 ތަށްޓެވެ. ވާދަވެރި ރެއާލުން މިރޭ ނުކުންނާނީ އެ ނަތީޖާއާ ހަމަކުރުމަށެވެ. މިހާތަނަށް ރެއާލް ވަނީ 13 މެޗުން މޮޅުވެފައެވެ.