ދަ ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަށް ފަހު، ހަސަން ލަތީފް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.
ޑިމޮކްރެޓްސް ވުޖޫދުވީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެ ޕާޓީން ވަކިވެވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިސް ބައެއް ބޭފުޅުން ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުން ހަސަން ލަތީފް އިސްތިއުފާ ދެއްވީ އިއްޔެއެވެ.
އެމްޑީޕީން މިއަދު މީޑިއާތަކަށް ފޮނުވި މެޖެސެއްގައި ވަނީ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އަލުން ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓުގެ ގޮތުން ވާދަކުރެއްވި ހުސެން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމުވެސް ވަނީ ޑިމޮކްރެޓްސް އިން އިސްތިއުފާ ދެއްވައިފައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެ ހުރިހާ ބޭފުޅުންނަކީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އުފެދުނު ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު