ޗައިނާގެ އެންމެ ގާތް ގައުމުގެ ގޮތުގައި ރާއްޖެ އޮތުމަށް ތާއްޔަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ މެންބާ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީޕީސީ ސެންޓްރަލް ކޮމިޓީ، ޑައިރެކްޓާ އޮފް ދަ އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒް އެންޑް މިނިސްޓާ އޮފް ފޮރިން އެފެއާޒް ވާންގް ޔީ ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފައެވެ.

ވާންގް ޔީ އެ ދަތުރާ ގުޅޭގޮތުން ޗައިނާގެ ސްޓޭޓް ކައުންސިލުން ވެބްސައިޓުގައި ރައީސް މުއިއްޒާ ހަވާލާދީ އިއްޔެ ޝާއިއުކުރި ލިޔުމެއްގައި ބުނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް އަބަދުވެސް އިހުތިރާމުކުރާ ކަމަށެވެ.

"ޗައިނާގެ އެންމެ ގާތް ގައުމުގެ ގޮތުގައި އޮތުމަށް ރާއްޖެ އަބަދުވެސް އޮންނާނީ ތައްޔާރަށް. މި ދެ ގައުމުގެ ގުޅުމަށް ރާއްޖެއިން އިހުތިރާމުކޮށް އެކުވެރިކަން ވަރުގަދަކޮށް، ވަޒަންކުރާނެ. އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ތަރައްގީގެ އާ ހަރުފަތްތަކެއް ގިރާކުރުމަށް މަސައްކަތްކުރާނެ." ރައީސް ޑރ. މުއިއްޒާ އާ ހަވާލާދީ ޗައިނާގެ ސްޓޭޓް ކައުންސިލުން ބުނެފައިވެއެވެ.

ޗައިނާއިން ދުނިޔޭގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ރައީސް ވަނީ ތައުރީފު ކުރައްވައިފައި ކަމަށް ސްޓޭޓް ކައުންސިލުން ބުންޏެވެ. އަދި ޗައިނާއާ ގުޅިގެން މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ބައިނަލްއަގުވާމީ އިންސާފުގެ ހަމަތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރައްވާމް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެފައިވެއެވެ.

ވާންގް ޔީ ރާއްޖެ ވަޑައިގެން ރައީސްއާއެކު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހާމަކޮށް ރައީސް އޮފީހުން ބުނެފައިވަނީ އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެމްއޯޔޫގެ ދަށުން ހައުސިން މަޝްރޫއުތަކާއި މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުން ވަންގް ޔީ އާ މަޝްވަރާކުރައްވައިފައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމާއި މަސްވެރިކަމަށް ޗައިނާގެ އެހީއާއި އެއްބާރުލުން ބޭނުންވާކަން ހާމަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންނެވި ގޮތަށް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން ވާންގް ޔީ ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ވާންގް ޔީ ވަނީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ