އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ، އެޓީމުގެ އިންގްލެންޑް ޑިފެންޑަރު ކައިލް ވޯކާ، ކްލަބު ދޫކޮށްލަން އެދި ހުށަހަޅާފައިވާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީން ރޭ އެފްއޭ ކަޕްގައި ސަލްފޯޑާ ދެކޮޅަށް ނުކުމެ 8-0 އިން މޮޅުވި މެޗުގެ ސްކޮޑުގައި ވޯކާ ހިމަނައިފައެއް ނުވެއެވެ. ސިޓީން އެންމެ ދެ ޑިފެންޑަރުންނާއެކު ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، ވޯކާ ސްކޮޑުގައި ނުހިމެނީ ކްލަބު ދޫކޮށްލަން އެދުމުން ކަމަށް މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކެޕްޓަންކަންވެސް ގިނަ މެޗުތަކެއްގައި ކުރަމުން އަންނަ ވޯކާ، މިދިޔަ ހަފުތާ ތެރޭގައި އެ ކްލަބުގެ ޑިރެކްޓާ އޮފް ފުޓްބޯލް ޒީކީ ބެގިރިސްޓެއިންއާ ބައްދަލުކޮށްފައިވާ އިރު، ގާޑިއޯލާ ބުނީ ވޯކާ އެދުނީ އެހެން ގައުމެއްގައި ކުޅެންދާން ބޭނުންވާތީ މި ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ކްލަބު ދޫކޮށްލަން ކަމަށެވެ.
ގާޑިއޯލާ ބުނީ ސިޓީގެ ކަނާތްފަޅިން އެންމެ ރަނގަޅަށް ކުޅޭ ޑިފެންޑަރަކީ އަދިވެސް ވޯކާ ނަމަވެސް، އޭނާ އެދެނީ ކްލަބު ދޫކޮށްލަން ކަމަށްވާނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
އުމުރުން 34 އަހަރުގެ ވޯކާ، ސިޓީއާއެކު 2023 ވަނަ އަހަރު ތާރީހީ ޓްރެބަލްއެއް ހޯދާފައިވާ އިރު، ގާޑިއޯލާ ރޭ ބުނީ އެ ސީޒަނަށްފަހުވެސް ކްލަބު ދޫކޮށްލަން ވޯކާ ބޭނުންވި ކަމަށެވެ. އަދި އެފަހަރު ވޯކާ ދާން މަސައްކަތްކުރީ ބަޔާން މިޔުނިކަށް ކަމަށާއި، ބަޔާނަށް ވޯކާ ނުގެންދެވުނީ ސިޓީން ބޭނުންވި އަގު ނުދެއްކުމުން ކަމަށްވެސް އޭނާ ބުންޏެވެ.
ވޯކާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި 18 މަސް ބާކީ އެބައޮތެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ