ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ސ. އަތޮޅު މެޗުތައް ރޭ ފަށާފައިވާ އިރު، ހިތަދޫން މަރަދޫ ބަލިކޮށް، ފޭދޫއާއި މަރަދޫފޭދޫ އެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ އައްޑު އަތޮޅުގެ ދެމެޗު ކުޅެފައެވެ. އައްޑޫގެ ހަ ރަށަކުން މުބާރާތުގައި ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ އަތޮޅު ބުރުގައި އޮތީ ތިން ޓީމުގެ ދެ ގްރޫޕެވެ.

އެ ދެ ގްރޫޕުން ޓީމުތައް ސެމީ ފައިނަލަށްދާ އިރު، ރޭ ގްރޫޕް އޭގައި މަރަދުއާއި މަރަދޫފޭދޫ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ފޭދޫގެ ގޯލުތައް ޖެހީ ހުސައިން ގައްސާން ލަބީބް (ހުސީ) އާއި އަހުމަދު ޒައުލް ނާޒިމެވެ. މަރަދޫފޭދޫގެ ގޯލުތައް ޖެހީ ހުސައިން ޒައިދާން މުހައްމަދު އަލީ އަދި އިބްރާހީމް ސައިފެވެ.

އެ އަތޮޅުގެ އަދި ޒޯނުގެވެސް އެންމެފަހުގެ ޗެމްޕިއަން އައްޑޫ ހިތަދޫން ރޭ ފެށުން ރަނގަޅުކުރީ މަރަދޫ ކައިރިން 3-0 އިން މޮޅުވެގެންނެވެ.

މެޗުގައި ހިތަދޫގެ ހާޒިމް ފައުޒީއާއި އީމާން ނަޒީރު އަދި މުހައްމަދު ދާނިޝް އިބްރާހީމް ގޯލުތައް ޖަހައިދިން އިރު، ހިތަދޫގެ ފަރާތުން ޖުމުލަކޮށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި، އުމުރުން 42 އަހަރުގެ ޝަމްވީލް ގާސިމް (ބޮންޑާ)ގެ ދައުރުވެސް ބޮޑެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ލ. ގަން - ލ. މާވަށް

ގްރައުންޑް 2: ލ. މުންޑޫ - ލ. ކަލައިދޫ

21:00

ގްރައުންޑް 1: މ. މުލައް - މ. ވޭވަށް

ގްރައުންޑް 2: މ. މަޑުއްވަރި - މ. ދިއްގަރު

22:00

ގްރައުންޑް 1: ގއ. ދާންދޫ - ގއ. ކަނޑުހުޅުދޫ

ގްރައުންޑް 2: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00

ގްރައުންޑް 1: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި

ގްރައުންޑް 2: ގއ. މާމެންދޫ - ގއ. ވިލިނގިލި