ރޭ ކުޅުނު ފައިނަލުގައި ކްލަބު އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (އެޗްޑީސީ) އިން ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށްފިއެވެ.

ރޭގެ ފައިނަލަށް އެޗްޑީސީން ނުކުތީ މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކޮށްފައި އޮވެގެންނެވެ. މީގެ ކުރިން އެއް ސީޒަނެއްގައި ތިން ތަށި ހޯދާފައިވާ ދެ ކްލަބަކީ ސިފައިން ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީއެވެ. ސިފައިން 2010 ވަނަ އަހަރު އެ ތާރީހީ ކާމިޔާބީ ހޯދި އިރު، ސިޓީން އެ ކާމިޔާބީ ތަކުރާރުކުރީ 2022 ވަނަ އަހަރުގެ ސީޒަނުގައެވެ. އެޗްޑީސީންވެސް އެ ކާމިޔާބީ ހޯދަން ރޭގެ މެޗަށް ނުކުތް ނަމަވެސް ސިފައިން ކައިރިން ބަލިވީ 3-1 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ސެޓު އެޗްޑީސީން 25-17 އިން ގެންދިޔަ ނަމަވެސް، ސިފައިން ވަނީ ފަހަތުން އަރައި އަނެއް ތިން ސެޓު ގެންގޮސްފައެވެ. ސިފައިން މެޗުގެ ސެޓުތައް ގެންދިޔައީ 21-25، 16-25 އަދި 23-25 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ހުސެއިން ރަޒާނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިންނަކީ، އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު (ޝާޑު)އެެވެ. ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ، ބްލޫސް ފޯ ވޮލީބޯލްގެ އަހުމަދު އިލްހާމް އަލީއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ސިފައިންގެ ކްލަބްގެ މުހައްމަދު ހަމަދެވެ. އަދި އެންމެ މޮޅު ކޯޗަކީ، ސިފައިންގެ ޓީމުގެ މުންތާޒެވެ.