ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގައި ރޭ ކުޅުނު ތ. އަތޮޅުގެ މެޗުތައް ކާމިޔާބުކޮށް، ހިރިލަންދޫއާއި ބުރުނި އަދި ވިލުފުށިންވެސް ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ވަނީ ތ. އަތޮޅުގެ ދެ ގްރޫޕުގެ ހަތަރުގެ މެޗެއް ކުޅެފައެވެ. ރެހެންދި ފުޓްސަލް ދަނޑުގައި މެޗުތައް ކުރިއަށްދާ އިރު، އެ އަތޮޅުން ޖުމުލަ 10 ޓީމެއް މުބަރާތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން ސެމީއަށް ޓީމުތައް ދަތުރުކުރާނީ ދެ ގްރޫޕުގައި މެޗުތައް ކުޅެގެންނެވެ.
ރޭ ގްރޫޕް އޭގައި ވިލުފުށިން ދެވަނަ މޮޅެއް ހޯދީ، ދިޔަމިގިލި ކައިރިން 2-1 އިން މޮޅުވެގެންނެވެ. އެ ގްރޫޕުގައި އޮމަދޫއާއި ކިނބިދޫ 2-2 އިން އެއްވަރުވި އިރު، މިވަގުތު ގްރޫޕްގެ އެއްވަނައިގައި ދެ މޮޅާއެކު އޮތީ ވިލުފުށްޓެވެ.
ދެވަނައިގައި އެއް މެޗުން ތިން ޕޮއިންޓާއެކު ތިމަރަފުށި އޮތް އިރު، ކިނބިދުއާއި އޮމަދުއަށް ދެމެޗުން ލިބުނީ ޕޮއިންޓެކެވެ. ރޭގެ މެޗަކީ ދިޔަމިގިލިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗެވެ.
ވިލުފުށިން ދިޔަމިގިލި ކައިރިން ހޯދި މޮޅުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ސަލްމާން ސަދީފާއި ޒަކަރިއްޔާ ޒަހޫރު އިސްމާއީލެވެ. ދިޔަމިގިލީގެ ގޯލު ޖަހައިދިނީ އަލީ އިހުސާނެވެ.
ކިނބިދުއާއި އޮމަދޫ އެއްވަރުވި މެޗުގައި ކިނބިދޫގެ އަބްދުﷲ ސަމީހު ގޯލެއް ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ އޮމަދޫގެ އަހުމަދު ނިޝާހު ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އޮމަދޫގެ ގޯލުތައް ޖެހީ މުހައްމަދު އަލާއު އަދި މުހައްމަދު ނާބިތު ހުސައިނެވެ.
ތ. އަތޮޅު ގްރޫޕް ބީގައި ރޭ ބުރުންޏާއި ހިރިލަންދޫ ދެވަނަ މޮޅެއް ހޯދި އިރު، ބުރުނިން ވޭމަންޑޫ ބަލިކުރީ 4-1 އިންނެވެ. އަދި ހިރިލަންދޫން ދެވަނަ މޮޅުވީ ގާދިއްފުށި ކައިރިން 6-0 އިން މޮޅުވެގެންނެވެ.
އެ ގްރޫޕްގެ އެއްވަނައިގައި އޮތް ހިރިލަންދުއާއި ބުރުންޏަށްވެސް ދެމެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެއްމެޗު ކުޅެފައި އޮތް ކަނޑޫދޫއާއި ގާދިއްފުށީގެ އިތުރުން ދެމެޗު ކުޅެފައިވާ ވޭމަންޑުއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ހިރިލަންދޫން ގާދިއްފުށި ބަލިކުރި މެޗުގައި މުހައްމަދު ނިޝާހް ހެޓްރިކް ހެދި އިރު، އަބްދުﷲ އިޝާން ދެ ގޯލު ޖަހައިދިނެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ޝަމްހާނެވެ.
ވޭމަންޑޫ ކޮޅަށް ބުރުނީގެ މުހައްމަދު ޝާމް ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ހުސައިން މަމްދޫހު އަހުމަދެވެ. ވޭމަންޑޫގެ ހަމައެކަނި ގޯލު ޖެހީ ހަމްދޫން އަހުމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް