ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ށ. އަތޮޅު ސެމީ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ކަނޑިތީމާއި ބިލެތްފަހި އަދި މިލަންދޫން ދަތުރު ކޮށްފިއެވެ.

ށ އަތޮޅުން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ 8 ޓީމަކުން ބައިވެރިވެފައިވާ އިރު، ރޭ ރެހެންދި ދަނޑުތަކުގައި އަތޮޅު ދެ ގްރޫޕްގެ ހަތަރު މެޗު ކުޅެފައިވެއެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، ގްރޫޕް އޭއިން ދެ ޓީމު ވަނީ ސެމީ ޔަގީން ކޮށްފައެވެ.

އެއީ ކަނޑިތީމާއި މިލަންދުއެވެ. އެ ދެޓީމުންވެސް މިހާތަނަށް ކުޅުނު ދެމެޗު ކާމިޔާބުކުރި އިރު، ދެން އެ ގްރޫޕްގައި ހިމެނޭ ފޭދޫ އާއި މަރޮށި މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. ގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، ގްރޫޕްގެ އެއްވަނަ ޔަގީންވާނީ ފަހު ބުރުގައެވެ.

މިލަންދޫން ރޭ ކުޅުނު މެޗުގައި 3-0 އިން މަރޮށި ބަލިކުރި އިރު، އެ މެޗުގައި މިލަންދޫގެ އިބްރާހީމް ޒާހީ ވަނީ ދެ ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ޝަނީ އެވެ.

އެ ގްރޫޕްގައި ކަނޑިތީމުން ސެމީ ޔަގީންކުރީ ރޭ ފޭދޫ، 1-0 އިން ބަލިކޮށްގެންނެވެ. އެންމެފަހުން މިދިޔަ އަހަރު ފައިނަލުގައި ވާދަކުރި ދެޓީމު ކުޅުނު މެޗުގައި ފޭދޫ ކައިރިން ކަނޑިތީމު މޮޅުކޮށްދިން ގޯލު ޖެހީ އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ.

ގްރޫޕް ބީން ސެމީ ފައިނަލް ޔަގީންކުރި ބިލެތްފަހިންވެސް މިހާތަނަށް ކުޅުނު ދެމެޗު ކާމިޔާބުކުރި އިރު، ރޭ ނަރުދޫ ކައިރިން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ކުރީކޮޅު ނަރުދޫއަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ މުހައްމަދު ނާއިޒެވެ.

އޭގެފަހުން އަހުމަދު އިބްރާހީމް ޖެހި ގޯލަކުން ބިލެތްފަހި މެޗު އެއްވަރުކުރި ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ވިޝާން އާރިފް ވަނީ އަނެއްކާވެސް ނަރުދޫއަށް ލީޑު ނަގައިދީފައެވެ.

އެ ލީޑާއެކު ނަރުދޫން ދެވަނަ ހާފަށް ނުކުތް ނަމަވެސް، އެ ހާފުގައި ބިލެތްފަހިން ކުޅުން ރަނގަޅުކޮށް މެޗު އަނބުރާލިއެވެ. އާދަމް ޝަފްރާޒުގެ ގޯލުން މެޗު އެއްވަރުކޮށް، ބިލެތްފަހިން މޮޅުވި ގޯލު ޖެހީ ފަހު ސިކުންތުކޮޅުގައެވެ. އެ ގޯލު ޖެހީ އިބްރާހީމް އައިމަން އެވެ.

އެ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮވެ ރޭގެ މެޗަށް ނުކުތް ގޮއިދޫއާއި ޅައިމަގު ރޭ ވާދަކުރި މެޗު ގޮއިދޫން 2-1 އިން ކާމިޔާބުކުރި އިރު، އެ މޮޅާއެކު ގޮއިދޫއަށް ވަނީ ސެމީގެ އުންމީދު އާވެފައެވެ.

ގޮއިދޫން ޖެހި އެއް ގޯލަކީ ޅައިމަގުގެ މުހައްމަދު އިރުޝާދުގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ވިއާމް މުހައްމަދު ޝަރީފް ޖެހި އިރު، ޅައިމަގުގެ ގޯލު ޖެހީ އަބްދުލް ކަރީމް އަހުމަދެވެ. މި މެޗުގައި ތިން ރަތް ކާޑު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ޅައިމަގުގެ ކީޕަރު ސާލިމް އަޝްރަފާއި ކެޕްޓަން އަބްދުލް ކަރީމް އަހުމަދަށްވެސް ރަތް ކާޑު ދެއްކި އިރު، ގޮއިދޫގެ ހުސައިން ސިމާހަށްވެސް ރަތެއް ދެއްކިއެވެ.

މެޗުން ގޮއިދޫ މޮޅުވި ގޯލަކީ ފަހު މިނެޓުގައި ޖެހި ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނައިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސް އެވެ.

16:00

ގްރައުންޑް 1: އއ. ތޮއްޑޫ - އއ. ހިމަންދޫ

ގްރައުންޑް 2: އއ. އުކުޅަސް - އއ. މަތިވެރި

17:00

ގްރައުންޑް 1: އއ. ފެރިދޫ - އއ. ރަސްދޫ

ގްރައުންޑް 2: އއ. މާޅޮސް - އއ. ބޮޑުފޮޅުދޫ

20:00

ގްރައުންޑް 1: މ. ކޮޅުފުށި - މ. މުލި

21:00

ގްރައުންޑް 1: ސ. ފޭދޫ - ސ. މަރަދޫފޭދޫ

ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫ

22:00

ގްރައުންޑް 1: ފ. ދަރަނބޫދޫ - ފ. ނިލަންދޫ

ގްރައުންޑް 2: ފ. ބިލެތްދޫ - ފ. މަގޫދޫ

23:00

ގްރައުންޑް 1: ގދ. ތިނަދޫ - ގދ. މަޑަވެލި

ގްރައުންޑް 2: ގދ. ފިޔޯރީ - ގދ. ވާދޫ