ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީ، ދިގުވާނޑު، ކަފިއަގެ، އަޒްވަރު ރަޝީދު (39އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ޑްރަގް ޓްރެފިކިންގެ ކުށުގެ ދައުވާއެވެ.

ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު މިއަދު ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އަޒްވަރު ރާއްޖެ އެތެރެކުރަން މަސައްކަތްކުރީ 109 ގްރާމުގެ ހެރޮއިންނެވެ.

"މީނާ ރާއްޖެއައި ފުލައިޓުން މީނާ ގެނައި ދެ ލަގެޖުގެ އަތްގަނޑު ދަށަށް ވާގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވުން (މިތަކެތި ކަސްޓަމްސްއިން ޓެސްޓުކުރުމުން ހެރޮއިންއަށް ޕޮޒިޓިވްއަށް ވެފައިވޭ. މިތަކެތީގެ ވަގުތީ ބަރުދަން ޖުމްލަ 109 ގްރާމް) މީނާގެ ޔޫރިން އޯޕީއައަށް ޕޮޒިޓިވް ވެފައިވުން ހިމެނޭ،" ބަންދު އަމުރުގައި ބުންޏެވެ.

ކޯޓުން ނިންމީ އެ ކަންކަމަކީ އޭނާއާ ދެކޮޅަށް ފުލުހުން ތުހުމަތުކުރާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކެކެވެ.

އެހެންވެ މުޖުތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އަޒްވަރަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.