މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ދެވަނަ ޖާގަ، ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކުޅެމުން އަންނަ އިރު، މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތް ގޮތުން ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއްވަނަ ޓީމަށް ސީދާ ފައިނަލްގެ ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމު ސެމީ މެޗެއް ކުޅޭނެއެވެ.

އެއްވަނަ ޓީމުގެ ގޮތުގައި ކްލަބު އެޗްޑީސީން ފައިނަލް ޔަގީންކޮށްފައިވާ އިރު، ރޭ ސެމީގައި ވާދަކުރީ ސިފައިންނާއި ސްޕޯޓްސް ކްލަބު ސިޓީ އެވެ.

އެ މެޗު ސިފައިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. ސިފައިން މެޗުގެ ސެޓުތައް ގެންދިޔައީ 25-22، 25-22 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުސައިން ރަޒާނެވެ.

މުބާރާތުގެ ފައިނަލް މެޗު ތާވަލުކޮށްފައި ވަނީ މިރޭ 8:30 އަށެވެ.