ބާސެލޯނާއަށް މި ސީޒަނަށް ގެންދިޔަ ސްޕެއިންގެ ތަރި ޑެނީ އޮލްމޯ، ސީޒަނުގެ ފަހު ބަޔަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި ވަގުތީ ހައްލެއް އެ ކްލަބަށް ލިބިއްޖެއެވެ.

ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުން، އެޓީމަށް އަލަށް ގެންދާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އަބަދު ވެސް އުނދަގޫތަކާ ދިމާވެއެވެ. އެއީ އެ ކްލަބުގެ މުސާރަތައް ވަކި އަދަދެއްގައި ހިފަހައްޓަން ޖެހޭތީއެވެ.

އޮލްމޯ، 26، ޖަރުމަނުގެ އާރްބީ ލެއިޕްޒިގުން ބާސާއާ ގުޅިފައި ވަނީ 51 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޮލްމޯ ބާސާއަށް ގެންގޮސް، އެ ކްލަބުން އޭނާ ވަގުތީ ގޮތުން ރަޖިސްޓަރީ ކުރީ ސީޒަނުގެ ފުރަތަމަ ބަޔަށެވެ. އެއީ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންއަށް އަނިޔާވުމުން، އޭނާ ސްކޮޑުން ބޭރުކޮށްފައެވެ.

އޮލްމޯގެ އިތުރުން ޕައު ވިކްޓޯއަށްވެސް ގާތްގަނޑަކަށް އެ ހާލަތު ދިމާވެފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ފުޓުބޯޅަ އިދާރާއި ލަ ލީގާއިން ވަނީ ބާސާއިން ކުޅުންތެރިން ރަޖިސްޓްރީ ކުރަން ހުށަހެޅި ޕްރޮޕޯސަލްއަށް ނޫނެކޭ ބުނެފައެވެ.

އެ މައްސަލަ ބާސާއިން ކޯޓަށް ހުށަހަޅާފައިވާ އިރު، އެ ކްލަބުން ހުށަހެޅި މައްސަލަ ނިމެންދެން އޮލްމޯއާއި ވިކްޓޯ ރަޖިސްޓްރީ ކުރުމަށް ހުއްދަ ދިނީ ސްޕެނިޝް ނޭޝަނަލް ސްޕޯޓްސް ކައުންސިލް (ސީއެސްޑީ)އިންނެވެ.

ސީއެސްޑީން ބުނީ ބާސާއިން ހުށަހެޅި މައްސަލައަށް ގޮތެއް ނިމެންދެން އޮލްމޯއާއި ވިކްޓޯ ވަގުތީ ގޮތުން ސްކޮޑުގައި ހިމެނުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ރޭ ސުޕަ ކަޕްގައި ބާސާއިން ކުޅުނު މެޗަށް އެ ދެ ކުޅުންތެރިންނަށް ކުޅެވޭ ގޮތް ވި ނަމަވެސް، ކޯޗު ހާންސީ ފްލިކް އެއިން އެއްވެސް ކުޅުންތެރިޔަކު ބޭނުންކޮށްފައެއް ނުވެއެވެ.

ބާސާއަށް ހާއްސަ ހުއްދައެއް ދިނުމާއެކު ބައެއް އެހެން ކްލަބުތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.