ރަޝިޔާގައި ތެޔޮ ރައްކާކުރާ ސަރަހައްދަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފިއެވެ.

ރަޝިޔާ އަދި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ދެފަރާތުން ވަރުގަދަކުރަމުންދާއިރު ޔޫކްރޭނުން ބުދަ ދުވަހު ވަނީ ރަޝިޔާގެ މުހިންމު ސަރަހައްދަކަށް ހަމަލާދީފައެވެ.

ޔޫކްރޭނުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ މިލިޓަރީން ޑްރޯން މެދުވެރިކޮށް މި ހަމަލާދިނީ ރަޝިޔާގެ މެދުތެރޭގައި ހުންނަ ތެޔޮ ރައްކާކުރާ ސަރަހައްދަކަށެވެ.

ޔޫކްރޭނުގެ އޮފިޝަލުން ބުނެފައިވާގޮތުގައި އެ ހަމަލާ އަރާފައިވަނީ ރަޝިޔާގެ ސަރަތޯވް ސަރަހައްދުގައި ހުންނަ ވައިގެ މިލިޓަރީ ބޭހަކަށް ތެޔޮ ފޯރުކޮށްދޭން ބޭނުންކުރާ ސަރަހައްދަކަށެވެ.

އެ ހަމަލާގައި ރަޝިޔާގެ ދެ ސިފައިން މަރުވެފައިވާކަމަށްވެސް ޔޫކްރޭނުގެ މިލިޓަރީން ބުނެފައިވެއެވެ. ޔޫކްރޭނުގެ މި ހަމަލާ ފެންނަ ވީޑިއޯ އަދި ފޮޓޯތައް އާންމު ވެފައިވާއިރު އެ މަންޒަރުތަކުން ފެންނަނީ ބޮޑު ސަރަހައްދުތަކެއްގައި ހުޅު ރޯވެފައިވާ މަންޒަރެވެ.