އެމްޓީސީސީން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރިއަލް-ޓައިމްގައި ބެލެނޭ ގޮތް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އިއްޔެ ތައާރަފު ކުރި ޑޭޝްބޯޑުން އެމްޓީސީސީން މިހާތަނަށް ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ބޭނުން ވަގުތެއްގައި އޮންލައިންކޮށް ރިއަލް ޓައިމްގައި ކުރިއަށްދާގޮތް ބަލައިލެވޭނެ ކަމަށެވެ.

"އެމްޓީސީސީ ޕްރޮޖެކްޓް ޑޭޝްބޯޑް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ފަދައިން ގުޅިފައި ތިބޭ، ތިޔަބޭފުޅުން ކޮންމެ ތަނެއްގައި ތިއްބެވި ނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މުޖުތަމައުތައް ބައްޓަންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުން ބަދަލުކުރަމުން ގެންދާ ގޮތް ތަޖުރިބާކުރައްވާ،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެމްޓީސީސީގެ ހޯމްޕޭޖުގައި ވަކި އަތޮޅަކަށް ފިތާލުމުން އެ އަތޮޅަކަށް ކަނޑައެޅިފައިވާ ހާއްސަ ޕޭޖު ނުވަތަ އަތޮޅު ޕޭޖަށް ވަދެވޭނެ ކަމަށެވެ. އެ ޕޭޖުގެ ވާތް ފަރާތު ކަނުގައި އެ އަތޮޅުގައި ހިމެނޭ ހުރިހާ ރަށްތަކުގެ ލިސްޓެއް ފެންނަން ހުންނާނެ ކަމަށެވެ. އަދި ރަށްތަކަށް ފިތާލުމުން އެރަށެއްގައި ހިނގާ ހުރިހާ މަޝްރޫއުގެ މައުލޫމާތު ޕޭޖުން ބަލައިލެވޭނެއެވެ. އަދި އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ޗާޓުން ވަކިވަކިން ފެންނަން ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ކޮންމެ ރަށެއްގައިވެސް މަޝްރޫއުތައް ކުރިޔަށްގެންދާ ސަރަހައްދުތަކުގެ މައުލޫމާތުވެސް ލިބެން ހުންނާނެ ކަމަށާއި އަދި މެޕްގައި މަޝްރޫއު ކުރިޔަށްގެންދާ ސަރަހައްދުތައް ފާހަގަ ކޮށްފައިވާ މާކަރަކަށް ފިއްތާލުމުން އެ މަޝްރޫއުއަކާ ގުޅޭ ތަފްސީލު ބަލާއިލެވޭނެއެވެ.

މަޝްރޫއުގެ ތަފްސީލުގެ ތެރޭގައި މަޝްރޫއުގެ ބާވަތާއި ސްކޯޕާއި އަގާއި ނިމިފައިވާ ޕަސަންޓާއި އަދި އެންމެ ފަހުގެ ސްޓޭޓަސް ފެންނަން ހުންނާނެއެވެ. އަދި އެ ހުރިހާ މައުލޫމާތަކީ އެކުންފުނީގެ އޮންލައިން ސިސްޓަމްގެ އެހީގައި ވަގުތުން އަދާ ހަމަކުރެވިފައިވާ އެންމެ ފަހުގެ މައުލޫމާތު ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.