ކަރަންޓުގެ މައްސަލަ ދިމާވާ ހުރިހާ ރަށެއްގައި، މި އަހަރުގެ ރޯދަމަސް އައުމުގެ ކުރިން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކައިގެ އިންޖީނުގެތައް ރަނގަޅަށް ނުބަލަހައްޓައި އެތައް އަހަރެއްވެފައި ހުރުމުން އެ ތަންތަނުގައި ހުރި ޖަނަރޭޓަރުތައް ހަލާކުވެ، ބަދަލު ކުރަންޖެހިވާ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ޖަނަރޭޓަރު އިތުރު ކުރަންޖެހިފައިވާއިރު، ބައެއް ޖަނަރޭޓަރުތަކުގެ ސައިޒު ބޮޑުކުރަން ޖެހިފައި އެބަހުރި ކަމަށާއި އެ ކަންކަން ހައްލުކުރުމަށް މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ފަށައިފިން، ފިނޭންސް މިނިސްޓްރީއާއި ފެނަކައާއި އެސްޓީއޯ، އެމްޓީސީސީ ކުންފުނިތައް ގުޅި، ކުރިއަށް އޮތް ރޯދަމަސް އަންނަންވާއިރަށް، އަޅުގަނޑުމެން އަމާޒު މި ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއްވެސް ކަރަންޓުގެ މައްސަލަ ހިމެނޭ ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއްވެސް ދޫކޮށްނުލާ، ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަންޖެހޭ ޖަނެރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި އަހަރުގެ ރޯދަމަހު ރައްޔިތުން ކަންބޮޑުވާން ޖެހިވަޑައިނުގަންނަވާ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަމާޒު ހިފި އިރު، ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް އެކަން ކޮށްދެއްވޭތޯ ބައްލަވާނެ ކަމަށެވެ.