ފަހު ފާހުގައި ނަތީޖާ އަނބުރާލައިގެން އޭސީ މިލާނުން އިންޓަ ބަލިކޮށް، އިޓަލީގެ ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.

ރޭ ސައުދީ އަރަބިއާގެ ރިޔާދުގައި ކުޅުނު ސުޕަ ކަޕް ފައިނަލުގައި އޭސީ މިލާނުން އިންޓަ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންޓައިން ފުރަތަމަ ދެ ގޯލު ޖަހާފައި އޮއްވާ ފަހަތުން އަރައި އޭސީ މިލާން މޮޅުވި އިރު، ރޭގެ ސުޕަ ކަޕް ތަށްޓާއެކު އޭސީ މިލާން ވަނީ އިންޓަގެ ރެކޯޑާވެސް ހަމަކޮށްފައެވެ.

އިންޓައާއި އޭސީ މިލާނުން މިހާތަނަށް ޖުމުލަ އަށް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ މެޗަކީ އޭސީ މިލާންގެ އާ ކޯޗު ސަރްގޭ ކޮންސޭކާއޯ އެކްލަބަށް އިރުޝާދު ދިން ދެވަނަ މެޗެވެ. އެހެންކަމުން އެ ތަށި ކޯޗަށް ހާއްސައެވެ.

ސައުދީގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ހާއްސަ ލައިޓް ޝޯއަކާއެކު ފަށާފައިވާ އިރު، މެޗުގެ ފުރަތަމަ ގޯލު ފެނުނީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. އެ ގޯލު ޖެހީ އިންޓަގެ ލައުޓާރޯ މާޓިނޭޒެވެ.

ދެވަނަ ހާފަށް ނުކުމެވެސް އިންޓައިން ރަނގަޅަށް ހާފު ފެށި އިރު 47 ވަނަ މިނެޓުގައި ސްޓެފަން ޑި ވްރީ ދިން ބޯޅައަކަށް މަސައްކަތްކޮށް، އިންޓައަށް ދެވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލަށް އެސިސްޓްކޮށްދިން އިރާނުގެ މެހްދީ ތަރޭމީއެވެ.

އެހިސާބުން އޭސީ މިލާނުން ރަފޭލް ލެެއާއޯ ކުޅެން ނެރެ ޓީމުގެ އެޓޭކް ވަރުގަދަކުރަން ކުރި މަސައްކަތުގައި 52 ވަނަ މިނެޓުގައި ފުރަތަމަ ގޯލެއް ޖެހިއެވެ. އެއީ ތެއޯ ހެނާންޑޭޒްގެ ހިލޭ ޖެހުމަކުންނެވެ. އޭގެފަހުން މެޗުގެ 80 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް މެޗު އެއްވަރުކޮށްދިން އިރު، މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގައެވެ.

މެޗުގެ 93 ވަނަ މިނެޓުގައި އޭސީ މިލާނަށް ތަށި ޔަގީންކޮށްދިން ގޯލު ޖެހީ ޓެމީ އަބްރަހަމްއެވެ. އެއީ ލެއާއޯގެ ބޯޅައަކުންނެވެ.