ރެއާލް މެޑްރިޑުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވިނީޝިއަސް ޖޫނިއާއަށް ދެއްކި ރަތް ކާޑަކީ، ގޯސް ރަތް ކާޑެއް ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސްއަށް ވެލެންސިއާ މެޗުގައި ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީގެ މޫނު މަތީގައި ޖެހުމުންނެވެ. އެއީ ބޯޅަ ނެތި ވިނީޝިއަސް ކުރި ފައުލެކެވެ.
އެ މެޗުން ރެއާލް 2-1 އިން މޮޅުވެފައިވާ އިރު، ރެއާލުން މިހާރު ވަނީ އެ ރަތް ކާޑު މައާފުކޮށްދޭން އެދިފައެވެ. އެޓީމުގެ ކޯޗު އެންޗެލޮޓީ ބުނީ އެއީ ރަތް ކާޑެއް ނޫން ކަމަށާއި، އޭނާގެ ނަޒަރުގައި ވިނީޝިއަސްއަށް ދައްކަން ޖެހޭނީ ރީނދޫ ކާޑެއް ކަމަށެވެ.
ބައެއް ނޫސްތަކުން ބުނީ ވިނީޝިއަސްގެ އެ ކާޑާއެކު އިތުރު ބައެއް މެޗުތަކަށް ސަސްޕެންޑް ކުރުންވެސް އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ސަސްޕެންޝަނެއް އައިސްގެން ނުވާނެ ކަމަށްވެސް އެންޗެލޮޓީ ވަނީ ބުނެފައެވެ.
ވިނީޝިއަސްގެ ދިފާއުގައި ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ، ވިނީޝިއަސްއަށް ސްޕެއިންގައި އުނދަގޫ ހާލަތްތަކެއް ކުރިމަތިވަމުންދާ ކަމަށާއި، ނަސްލީ ތަފާތުކުރުމާއި އެހެނިހެން ބައެއް ފުރައްސާރައިގެ ސަބަބުން ވިނީޝިއަސްއަށް އަބަދުވެސް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.
"ވިނީޝިއަސްގެ މަގާމުގައި ހުރުމަކީ ފަސޭހަކަމެއް ނޫން. ފަސޭހަކަމެއް ނޫން އެހާ ބޮޑަށް ޒާތީ ގޮތުން ދިމާކުރާ އިރު، އެއްޗެކޭ ނުބުނެ ހުރުމަކީވެސް. އެކަންކަމާއެކު ވިނީޝިއަސްއަށްވެސް ގޯސްކޮށް ކަންތައް ކުރެވޭ، އެހެންވިޔަސް މިހާރު އޭނާ ދަނީ ހުރިހާ ކަމެއްވެސް ރަނގަޅުކުރަމުން. ރަތް ކާޑާއެކުވެސް ކުޅުންތެރިން ކިބައިން މައާފަށް އެދުނު،" އެންޗެލޮޓީ ބުންޏެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ މެއި މަހު ވެލެންސިއާ ދަނޑުގައި ރެއާލުން ކުޅުނު މެޗުގައި ވިނީޝިއަސްއާ ނަސްލީ ގޮތުން ދިމާކުރި ތިން ސަޕޯޓަރަކު ޖަލަށްލާންވެސް މިދިޔަ އަހަރު ހުކުމް ކުރިއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް